English Edition
Dhivehi Edition
ވޯލްޑް މީޓިއޯރޮލޮޖިކަލް އޯގަނައިޒޭޝަންގެ ސެކްރެޓަރީ ޖެނެރަލް ޕެޓެރީ ޓާލަސް. --

މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން މި އަހަރުގެ ތެރޭގައި ޖައްވަށް ދޫކުރާ ވިހަ ގޭސްތައް 6 އިންސައްތަ މަދުވެގެންދާނެ ކަމަށް ދުނިޔޭގެ މޫސުމާ ބެހޭ އިދާރާ، ވޯލްޑް މީޓިއޯރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިއުއެމްއޯ) އިން ހާމަކޮށްފިއެވެ.

އެގޮތުން، އެ އިދާރާގެ ސެކްރެޓަރީ ޖެނެރަލް ޕެޓެރީ ޓާލަސް ވަނީ މިއީ ދުނިޔޭގެ ތިމާވެއްޓާ ގުޅޭގޮތުން ކުރު މުއްދަތަކަށް ނަމަވެސް ލިބުނު އުފާވެރި ހަބަރެއް ކަމަށާއި، އެކަމަކު 2015 ވަނަ އަހަރުގައި ޕެރިސް އެގްރީމެންޓްގެ ދަށުން ކަނޑައެޅި އަމާޒަށް ވާސިލްވުމާ ގާތަށް ވެސް ދެވިފައިނުވާކަމަށް ވިދާޅުވެފައެވެ.

“މި ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ޖައްވަށް ދޫކުރާ ގްރީން ހައުސް ގޭސްތައް މިވަނީ މަދުވެފައި. އެގޮތުން، ހަކަތަ އުފެއްދުމާއި، ދަތުރުފަތުރުގެ ނިޒާމަށް ކޮންމެވެސް ވަރަކަށް ހުއްޓުމެއް އައިސްފައިވާތީވެ، ޖައްވަށް ދޫކުރާ ވިހާ ގޭސްތައް %6 އަށް ދަށްވެގެންދާނެ ކަމަށް ލަފާކުރެވޭ.” ވީޑިއޯ މެދުވެރިކޮށް ބޭއްވި ޕްރެސް ބްރީފިންގައި ޓާލަސް ވިދާޅުވިއެވެ.

އަދި މިހާރު ކުރިމަތިވެގެން މިއުޅޭ ބަލިމަޑުކަމާ ގުޅިގެން، ޖައްވަށް ދޫކުރާ ގްރީންހައުސް ގޭސްތައް މަދުވުމަކީ ދުނިޔޭގެ ތިމާވެއްޓަށް ލިބުނު ވަގުތީ ހައްލެއްކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް މިކަމުގެ ސަބަބުން މާބޮޑު އަސަރެއް ނުކުރާނެ ކަމަށް ވެސް ޑަބްލިއުއެމްއޯ އިން ހާމަކޮށްފައިވެއެވެ.

“ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މުޅި ދުނިޔޭގެ އެކި ގައުމުތަކަށް ސިއްހީގޮތުންނާއި، އިގްތިޞާދަށް ނުރައްކާ ކުރިމަތިވެފައިވާއިރު، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެންވެސް އިންސާނީ ދަރިފަސްކޮޅަށް އޮތް ނުރައްކާ އިންތިހާ އަށް ބޮޑު. އެހެންކަމުން، މި ބަލިމަޑުކަމުގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގުދު ވެސް ފަތި (ކާވް ފްލެޓް) ކުރަން އެބަޖެހޭ.” ޓާލަސް ވިދާޅުވިއެވެ.