English Edition
Dhivehi Edition
ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދިޔަ ޑްރިލެއްގެ ތެރެއިން - ފޮޓޯ: ފަޔާޒު މޫސާ (ސަން)

މާލެ ސިޓީން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 06 ދިވެހިންނާއި ބަންގްލަދޭޝަށް ނިސްބަތްވާ 02 ބިދޭސީއަކު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ހާމަކޮށްފަ އެވެ.

އެޗްޕީއޭ އިން ބުނީ މިހާރު އެ އެންމެންވެސް އައިސޮލޭޝަން ފެސިލިޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ހއ. އުލިގަމުން ކޮވިޑް-19 އަށް ޓެސްޓްކުރި ދިވެއްސެއްގެ ސާމްޕަލްވެސް ވަނީ ބައްޔަށް ޕޮޒިޓިވްވެފަ އެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި މާލެއިން ޕޮޒިޓިވްވެފައި ވަނީ 40 މީހުންނެވެ. މިހާތަނަށް ރާއްޖެއިން މި ބަލިން ރަނގަޅުވެފައި ވަނީ 16 މީހުންނެވެ.

މާލެއިން ކޮވިޑް-19 އަށް އަލަށް މީހަކު ޕޮޒިޓިވްވެފައި ވަނީ މިމަހުގެ 15 ދުވަހު ކަމަށްވާއިރު، އެދުވަހުން ފެށިގެން ފެށިގެން މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.

އެޗްޕީއޭ އިން ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭ އިން ގްރޭޓަރ މާލެ ސަރަޙައްދު ފުރަބަންދުކޮށްފައިވާއިރު، މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކޮށް، ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.