English Edition
Dhivehi Edition

މި ވަގުތު ޕޮލީމަރޭސް ޗެއިން ރިއެކްޝަން (ފީސީއާރް) ޓެސްޓްކުރެވޭ 3500 ކިޓް އެބަހުރިކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއޭއޯސީ)ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއެވެ.

މިއަދުގެ ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި ނޫސްވެރިޔައަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މަބްރޫކް ވިދާޅުވީ ޕޮލީމަރޭސް ޗެއިން ރިއެކްޝަން (ފީސީއާރް) ޓެސްޓްކުރެވޭ 3500 ކިޓް އެބަހުރިކަމަށާއި ބްލަޑްސާމްޕަލްސް ނަގައިގެން ޓެސްޓުކުރެވޭ 580 ކިޓް އެބަހުރިކަމަށެވެ. އަދި ޗައިނާ އާއި އެޤައުމުގެ ވިޔަފާރިވެރިޔާ ޖެކްމާ ގެ އެހީގެ ގޮތުގައި ފޮނުވާފައިވާ ކިޓްތައް ވެސް މި ހަފްތާ ތެރޭގައި ލިބޭނެ ކަމަށް ބެލެވޭކަމަށް މަބްރޫކް ވިދާޅުވިއެވެ.

‘ޗައިނާ ސަރުކާރުން އަޅުގަނޑުމެންނަށް ދިހަހާސް ކިޓެއް ދެއްވާނެކަމަށް ވިދާޅުވެފަވޭ އަދި ޖެކްމާ އިން އިތުރު ދިހަހާސް ޕީސީއާރް ޓެސްޓް ކިޓް ދެއްވާނެކަމަށް ވިދާޅުވެފައިވޭ “މަބްރޫކް ވިދާޅުވިއެވެ.

މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31 އަށް އަރައިފައިވާއިރު މުޅި ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 51 އަށް އަރާފައެވެ. އޭގެ ތެރޭގައި 19 ދިވެހިންވެސް ހިމެނެއެވެ. މިމަހުގެ 15ވަނަ ދުވަހު މާލެއިން މި ބައްޔަށް ޕޮޒިޓިވްވި ފުރަތަމަ މީހާ ފެނުމާއެކު މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅިފަޅު ނުވަތަ ތިލަފުށިން ރާއްޖޭގެ އެހެން ރަށަކަށް ދަތުރުކޮށްފައިވާ މީހަކު ކަމުގައިވާނަމަ، އެފަދަ މީހަކު އެ ރަށަކަށް ދާ ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް، އެފަދަ މީހަކު ދިރިއުޅޭ ތަނުގައި ނުވަތަ އެނޫންވެސް ތަނެއްގައި އެކަހެރިވުމަށް އެޗްޕީއޭ އިން ވަނީ އަންގައިފަ އެވެ.