English Edition
Dhivehi Edition

(ރިއޯޑިޖެނީރޯ- 19 އޭޕްރީލް): ސައުތް އެމެރިކާ ބައްރުގެ އެންމެ ބޮޑު ޤައުމު ކަމުގައިވާ ބްރެޒިލްގައި ކޮވިޑް19 ވައިރަސް ފެތުރުން ހުއްޓުވުމަށް އެގައުމުގައި ތަންފީޒުކުރަމުން ގެންދާ ފުރަބަންދާއި ދެކޮޅަށް އެ ގައުމުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

އެގޮތުން 100 އެއްހާ މީހުން ވަނީ ޕިކަޕް ޓްރަކްތަކާއި ކާރުތައް އަދި ސައިކަލުގައި ރިއޯޑިޖެނީރޯ، ސައޮޕޯލޯ އަދި ވެރިރަށް ބްރެސީލިއާގެ މަގުތަކަށް ނިކުމެ އަޑުއުފުލަން ފަށާފައެވެ. އެމީހުން ގޮވާލަމުން ގެންދަނީ އެ ސިޓީތަކުގެ ގަވަރުނަނުން އިސްތިއުފާދިނުމަށެވެ.

ބްރެޒިލްގެ ރައްޔިތުން ފުރަބަންދު އުވާލުމަށް މުޒާހަރާ ކުރަން ނިކުމެފައިވާއިރު އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ އެންޑަރސަން މޮރެއަސް ވަނީ އެކަމަށް ރައްޔިތުންނަށް ހިތްވަރުދީފައެވެ.

އެންޑަސަން މޮރައެސް ބުނެފައިވާ ގޮތުގައި ފުރާނަތައް މުހިއްމު ކަމަށާއި އެހެން ނަމަވެސް އެތައް ކުދިންނެއް ބަނޑުހައި ހޫނުކަން ތަހައްމަލް ކުރަން ޖެހިދާނެ ކަމަށާއި އެއީ އާއިލާތައް ބަލަހައްޓާ މީހުންނަށް އޮތް ކަންބޮޑުވުމެއް ކަމަށެވެ.

މީގެ އިތުރުން މުޒާހަރާ ކުރާ މީހުންގެ ތެރޭގައި އިސް މީހުންނަކީ ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ސަޕޯޓަރުންނެވެ. އަދި ޚުދު ރައީސް ބޮލްސޮނާރޯ ވެސް ވަނީ ފުރަބަންދުގެ ދަށުން އެޅި ފިޔަވަޅުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ރައީސް ބޮލްސޮނާރޯ ގެންދަވަނީ ކޮވިޑް19 އަކީ އާދައިގެ ކަމެއްގެ ގޮތުގައި ވިދާޅުވެ ވާހަކަ ދައްކަވަމުންނެވެ. މިވާހަތައް އޭނާ މިހެން ދެއްކެވި ނަމަވެސް އެބޭފުޅާގެ އަމިއްލަ ސަރުކާރުގެ ސިއްހަތާއި ބެހެ ވުޒާރާގެ އިސްވެރިން ވެސް ވަނީ ކޮވިޑް19ގެ ނުރައްކާތެރިކަން އޮޅުވާނުލުމަށް ގޮވާލާފައެވެ.

ބްރެޒިލްގެ ރައީސް އަދި ބައެއް ސިޔާސީ ފަރާތްތަކުގެ ފާޑުކިޔުން ފުރަބަންދަށް އަމާޒުވުމުން މިހާރު ރައްޔިތުންގެ ތެެރެއިން ގިނަ ބަޔަކު މަގުތަކަށް ނިކުންނަން ފަށާފައިވާއިރު ބްރެޒިލްގެ ބޮޑެތި ސިޓީތަކުގެ ގަވަރުނަރުންނާއި ސިއްހީ އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ބްރެޒިލްގެ ރައީސް ފުރަބަންދު އުވާލަން ތާޢީދު ކުރެއްވި ނަމަވެސް ފުރަބަންދު އުވާލެވޭނީ އެގައުމުގެ ކޮންގްރެސް އިން އެކަމަށް ތާއީދު ކުރުމުންނެވެ. ބައިނަލްއަޤްވާމީ ނޫސްރިޕޯޓުތައް ބުނާ ގޮތުގައި އެފަދަ ނިންމުމެއް ކޮންގްރެސް އިން ނިންމާނެ ކަމަކަށް ނުބެލެވެއެވެ.

ބްރެޒިލްގައި މިހާތަނަށް 36,925 މީހުންނަށް ވަނީ ކޮވިޑް19 ޖެހުނުއިރު އޭގެތެރެއިން 2,372 ވަނީ މަރުވެފައެވެ.