ކޮވިޑް-19 އަށް މާލެ ސިޓީން އަނެއްކާވެސް އިތުރު ދިވެއްސަކު ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.
އެޗްޕީއޭ އިން ބުނީ މިހާތަނަށް ޕޮޒިޓިވް ވި ކޭސްތަކުގެ ތެރޭގައި ހިމެނޭ ކްލަސްޓަރގެ ތެރޭގައި ނުހިމެނޭ، އަދި ކުރިން ޕޮޒިޓިވްވި އެއްވެސް މީހަކާއި ގުޅުމެއް ނެތް މީހެއް ކަމަށެވެ.
މިއަދު އެކަނިވެސް މާލެއިން ކޮވިޑް-19 އަށް ހަތް މީހުން ޕޮޒިޓިވްވެފައިވާއިރު، މިއަދަކީ އެންމެ ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަސްކަންވެސް ފާހަގަކޮށްލެވެއެވެ. މިއާއެކު މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 15 އަށް އަރާފައިވާއިރު، މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 35 އަށް ވަނީ އަރައިފަ އެވެ.
މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ގްރޭޓަރ މާލެ ސަރަޙައްދު މުޅިން އެއްކޮށް ފުރަބަންދުކޮށްފައިވާއިރު، ރާއްޖޭގެ އެހެން ހުރިހާ ރަށެއްގައިވެސް ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅު އެޅުމަށް ވަނީ ނިންމައިފަ އެވެ. އެގޮތުން އިއްޔެ ހަވީރު 18:00 އިން ފެށިގެން ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ މަނާކޮށްފަ އެވެ.
އަދި ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުމަށާއި، ވަކިން ޚާއްސަކޮށް ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދެތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖުތިމާޢީ އެނޫން ޙަރަކާތްތައް ބޭއްވުންވެސް ހުއްޓައިލުމަށްވެސް ވަނީ އަންގައިފަ އެވެ.