English Edition
Dhivehi Edition

ކައިވެންނަކީ ޙަޔާތުގެ ބިންގަލެވެ. ދިރިއުޅުމުގެ އުފަލެވެ. ހަރުދަނާ ގުޅުމެއް ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހެއެވެ. ބައިވެރިޔާ ޚީޔާރު ކުރާއިރު ވަރަށް ގިނަ ކަންތަކާއިމެދު ވިސްނަންޖެހެއެވެ. އެތައް ސުވާލުތަކަކަށް ޖަވާބު ލިބެންޖެހެއެވެ. އެކަކު އަނެކަކު ރަނގަޅަށް އެނގެން ޖެހެއެވެ.

ތިރީގައިވާ ސުވާލުތަކަށް ބައިވެރިޔާ އަށް ޖަވާބު ދެވޭނަމަ ކައިވެންނަށް އާއެކޭ ބުނެވިދާނެއެވެ.

ވަޒީފާއަށްޓަކައި އާއިލާއާއި ރައްޓެހިން ދޫކޮށްލާފައި ދާން ޖެހިއްޖެނަމަ ގޮސްދާނަންތަ؟

އާއިލާއާއި ރައްޓެހިން ދޫކޮށްލައިފައި ވަޒީފާއަށްޓަކައި ދުރަށް ދިޔުމަކީ ބައެއް ފަހަރު ގިނަ މީހުންނަށް އުނދަގޫކަމެކެވެ. އެހެންކަމުން ދިރިއުޅުމެއް ފެށުމުގެ ކުރިން މިކަމާއި ސުވާލުކޮށްލުން ރަނގަޅެވެ.

ދަރިން ހޯދަން ބޭނުންނަމަ ހޯދާނީ ކިތައް ކުދިންހެއްޔެވެ؟ އަދި ކޮން އިރަކުންހެއްޔެވެ؟

އަލަށް ކައިވެނި ކުރާ ދެމީހުން 12 ކުދިން ބޭނުންވާއިރު މައިންބަފައިން 02 ކުދިން ބޭނުންވާނަމަ މައްސަލަ ޖެހެން ފަށާނެއެވެ. އެހެންކަމުން ކައިވެނީގެ ކުރިން މިކަމާއި ވާހަކަ ދައްކާލާފައި އޮވެއްޖެނަމަ ދިރިއުޅުމުގައި ޖެހޭ މައްސަލަތައް މަދުވެދާނެއެވެ.

އާއިލާތެރޭގައި ޖެހޭ މައްސަލަތައް ހައްލުކުރަނީ ކިހިނެތްހެއްޔެވެ؟

ބައިވެރިޔާގެ މައިންބަފައިން މައްސަލަތައް ހައްލުކޮށްފައިވަނީ ކޮންގޮތަކަށްތޯ ބަލައި ދިރާސާ ކުރުން މުހިއްމެވެ. ސަބަބަކީ ބައިވެރިޔާގެ އާއިލީ މައްސަލަތައް ހައްލުކުރަނީ ވާހަކަ ދައްކައިގެން ކަމަށްވެފައި، އެގޮތް ނޫންގޮތެއްް އަލަށް އާއިލާގެ ތެރެއަށް އަންނަ ބައިވެރިޔާއަށް ދަސްވެފައި ހުރުމުން މައްސަލަ ޖެހުން ގާތެވެ.

ކައިވެނީގެ އެންމެ މުހިއްމު ކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟

ބައިވެރިޔާ ދެކޭ ގޮތާއި، އޭނާ ފާޅުކުރާ ހިޔާލުތަކުން އޭނާ ކައިވެނީގެ ގުޅުމުގައި ބޭނުންވަނީ ކޮންކަމެއްކަން އެނގިގެން ދާނެއެވެ. އެއިގެ ބަދަލުގައި އެމީހަކު ބޭނުންވާ ކަންކަން ވެސް ބައިވެރިޔާއަށް ހުށަހަޅަން ވާނެއެވެ.

ކައިވެންޏާ ހަމައަށް ދާއިރު ހަމަނުޖެހޭ އެއްވެސް ކަމެއް އެބަހުރިހެއްޔެވެ؟

ދިރިއުޅުމެއް ފަށައިގަންނަ އިރު ގިނަ ކަންތައްތައް ހަމަޖެހިފައި ހުރުން މުހިއްމެވެ. އެގޮތުން ދިރިއުޅޭނެ ތަނެއް ކަނޑައެޅިފައި އޮންނަން ޖެހެއެވެ. އާމްދަނީ ލިބޭނެ ގޮތްތައް ހަމަޖެހިފައި އޮތުން މުހިއްމެވެ. މިހެން ނުވާނަމަ ވަރަށް އަވަހަށް އެކައިވެއްނެއް ރޫޅިގެން ދިޔުން ގާތެވެ.

ދަރިން ތަރުބިއްޔަތު ކުރާނީ ކޮންގޮތަކަށްހެއްޔެވެ؟

ވަރަށް ގިނަ ބައިވެރިން ކައިވެންނާއި ހަމައަށް އަންނައިރު ލިބޭނެ ދަރިންނާއި ބެހޭގޮތުން ވާހަކަ ނުދައްކައެވެ. ކައިވެނީގެ މޭވާ އަކީ ދަރިންކަމަށްވާއިރު އެދަރިން ތަރުބިއްޔަތު ކުރާނެ ގޮތުގެ ޕްލޭނެއް ކައިވެނީގެ ކުރިން ހެދިފައި އޮތުން މުހިއްމެވެ.

ބައިވެރިޔާގެ ނަޒަރުގައި ލޯބި އެއީ ކޮންއެއްހެއްޔެވެ؟

ލޯތްބަކީކޮން އެއްޗެއްތޯ ބައިވެރިޔާ ކުރެން އެހުން މުހިއްމެވެ. އޭނާ ލޯބި ސިފަކުރާ ގޮތެއް އެނގެން ޖެހެއެވެ. ބައިވެރިޔާ ދޭ ޖަވާބަކީ އެކައިވެނީގެ ގުޅުން ދައްކައިދޭ ރަމްޒަކަށް ވެދާނެއެވެ.

ކައިވެނީގެ ކުރިން މިކަހަލަ ސުވާލުތައް ބައިވެރިޔާ އާއި ކުރުމަކީ އެގުޅުމެއް ވަރުގަދަވެ، ދެމިގެންދާނެކަމެކެވެ. އަދި މިގޮތަށް ސުވާލުތަކަށް ޖަވާބު ދިނުމުން ދެމީހުންގެ މުދެގައި އޮންނަ އިތުބާރު ވަރުގަދަވެ، އެކަކު އަނެކަކު އިތުރަށް ދަސްވެގެން ދާނެއެވެ.

ކައިވެންޏަކީ ހަޔާތުގައި އެޅޭ އެންމެ މުހިއްމު ފިޔަވަޅަށް ވާއިރު، އެގުޅުން އުފެއްދުމުގެ ކުރިން އިޙްތިޔާރުކުރާ ބައިވެރިޔާ އަކީ ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ބައިވެރިޔާތޯ ޔަޤީން ކުރުން މުހިއްމެވެ. އެހެން ނޫންނަމަ ފަހުން ހިތާމަ ކުރަން ޖެހިދާނެއެވެ.