English Edition
Dhivehi Edition
މާލޭ މަގުމަތީގެ މަންޒަރެއް - ފޮޓޯ: ސޯޝަލް މީޑިއާ

މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަށް މާލެ ސިޓީ ފުރަބަންދުކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފި އެވެ.

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން ކުރިއަށް އޮތް 14 ދުވަހަށް މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) މަގުމައްޗަށް ނިކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރާ ކަމަށެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ޕަބްލިކް ޓްރާންސްޕޯޓު (ބަހާއި ފެރީ)ގެ ޚިދުމަތްވެސް ހުއްޓާލުމަށް އަންގާފައިވާއިރު، އެޗްޕީއޭ އިން ވަނީ މާލެ، ހުޅުމާލެ، ވިލިމާލެ އަދި ތިލަފުށްޓާއި ގުޅިފަޅަށްވެސް މީހުން އަރައި ފޭބުން ހުއްޓާލުމަށް އަންގައިފަ އެވެ.

އެހެންނަމަވެސް އެ ފިޔަވަޅުތަކުން ހަ ފަރާތެއް އިސްތިސްނާވެގެންވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އެއީ:

  1. ސިފައިންނާއި ފުލުހުން
  2. ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރު
  3. އެމްބިއުލަންސް
  4. ނެޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ)ގެ ޕާސް ލިިބިފައިވާ ފަރާތްތައް
  5. ނެޝަނަލް އެމެރޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ)ގެ ޕާސް ލިިބިފައިވާ މީޑިއާތައް
  6. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހުއްދަދޭ ފަރާތްތައް

14 ދުވަހަށް މާލެ ފުރަބަންދުކޮށްފައިވާއިރު، މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރަށް މާލެއިން ކޮވިޑް-19 އަށް މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން އެ ދުވަހު 15:30 އިން ފެށިގެން ގްރޭޓަރ މާލެ ސަރަޙައްދު ވަނީ ފުރަބަންދުކޮށްފަ އެވެ.

އަދި އެދުވަހުން ފެށިގެން މިހާތަނަށް ޖުމްލަ 07 މީހުން މާލެއިން އެ ބައްޔަށް ޕޮޒިޓިވްވެފައިވާއިރު، މުޅި ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 27 އަށް އަރައިފަ އެވެ. އޭގެ ތެރޭގައި ޖުމްލަ 12 ދިވެހިން ހިމެނެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ މިއަދު 18:00 އިން ފެށިގެން މުޅި ރާއްޖެ ފުރަބަންދުކުރުމަށް ނިންމައިފަ އެވެ. އެގޮތުން އެޗްޕީއޭ އިން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ މާލެ ސަރަޙައްދު ފިޔަވައި ރާއްޖޭގައި ހުރިހާ ރަށެއްގައިވެސް ޒަރޫރީ ބޭނުމެއްގައި މެނުވީ އެއްރަށުން އަނެއް ރަށަށް ދަތުރުކުރުން މަނާކުރާ ކަމަށެވެ.

އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އެނޫންވެސް ޒަރޫރީ ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް، ލޯކަލް ކައުންސިލްތަކާއި ކަމާބެހޭ އިދާރާތައް ގުޅިގެން ފޯރުކޮށްދެމުންދާނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭގެ އެންގުމުގައި އިތުރަށް އަންގާފައިވަނީ ދިރިއުޅޭ ގޭބިސީ ފިޔަވައި، އަމިއްލަ ތަންތަނާއި އާންމު ތަންތަންވެސް ހިމެނޭގޮތުން، އެއްވެސް ތަނެއްގައި ގިނަ ބަޔަކު އެއްވެ އުޅުން ހުއްޓައިލުމަށާއި، ވަކިން ޚާއްސަކޮށް ޕާޓީތަކާއި ޙަފްލާތައް ބޭއްވުމާއި، މާހެފުމާއި، ދެތުރުދިޔުމާއި، މޫދަށް އެރުމާއި، ކުޅިވަރު ކުޅުމާއި، އިޖުތިމާޢީ އެނޫން ޙަރަކާތްތައް ބޭއްވުންވެސް ހުއްޓައިލުމަށެވެ.

މީގެ އިތުރުން ބަލިން ރައްކާތެރިވުމަށް ކަމާބެހޭ އިދާރާތަކުން ދީފައިވާ އިރުޝަދުތަކާ އެއްގޮތަށް ހުރިހާ ވަގުތެއްގައިވެސް ޢަމަލުކުރުމާއި، ޒަރޫރީ ބޭނުންތަކަށް ތަންތަނަށް ގޮސް އުޅުމުގައިވެސް ގައިދުކުރަން ބެހެއްޓުމަށް ވަނީ އަންގައިފަ އެވެ. އަދި ވޭތުވެދިޔަ ތަނުގައި މާލެއިންނާއި ރިސޯޓްތަކުންނާއި ސަފާރީތަކުން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން ކޮވިޑް-19 އަށް ޝައްކުވާ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެޗްޕީއޭ އަށް އެންގުމަށްވެސް ވަނީ އަންގައިފަ އެވެ.