English Edition
Dhivehi Edition
ބީއެމްއެލް އިން މާލޭގައި ޤާއިމްކޮށްފައިވާ ޑޮލަރު އޭޓީއެމްއެއް - ފޮޓޯ: ސަން

ކޮވިޑް-19 އާ ގުޅިގެން އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް ޔޫއެސް ޑޮލަރު ނެގޭ އަދަދު ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކަނޑައަޅައިފި އެވެ.

ބީއެމްއެލް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރުމުގައި ދިމާވެފައިވާ ދަތިތަކާ ގުޅިގެން ރާއްޖެއަށް ޑޮލަރު އިމްޕޯޓް ކުރާ އަދަދު މިވަނީ ދަށްވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މިއަދުން ފެށިގެން ކޮންމެ ކަސްޓަމަރަކަށް އޭޓީއެމް އަދި ބްރާންޗް މެދުވެރިކޮށް މަހެއްގެ މައްޗަށް ނެގޭ އަދަދު 2000 ޔޫއެސް ޑޮލަރުގެ ގޮތުގައި ކަނޑައެޅުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މިހާރު ރާއްޖޭން ބޭރަށް ދަތުރު ކުރުން ހުއްޓާލެވިފައިވާތީވެ، ޔޫއެސް ޑޮލަރު ބޭނުންވާ އަދަދު ވަނީ ދަށްވެފައިވާ ކަމަށާއި، ޑޮލަރު ނެގޭނެ އަދަދު ކަނޑައެޅިފައިވަނީ ބޭންކުގެ ކަސްޓަމަރުންނަށް ކުރިޔަށް އޮތްތާނގައި ދިމާވެދާނެ ދަތިތަކަށް ބަލައި މުހިންމު
ޒަރޫރީ ބޭނުންތަކަށް ޔޫއެސް ޑޮލަރު ބޭނުންވާ ފަރާތްތަކަށް ދަތިކަމެއް ނެތި ޑޮލަރު ނެގުމަށް ފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ވަނީ ކަސްޓަމަރުންނަށް މިހާރެކޭވެސް އެއްފަދައިން އިންޓަރނެޓް ބޭންކިންގ އަދި މޯބައިލް ޕޭ މެދުވެރިކޮށް ޔޫއެސް ޑޮލަރު އެކައުންޓް ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ އިންތިޒާމްވެސް ހަމަޖައްސައިފަ އެވެ.

“ރާއްޖެއިން ބޭރުގެ މުއާމަލާތްކުރުމަށް ބޭނުންވާ ޔޫއެސް ޑޮލަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކުން މިދަނީ ފޯރުކޮށްދެމުންނެވެ. މިގޮތުން ބޭންކުން ދަނީ އިމްޕޯޓްކުރާ ފަރާތްތަކަށް ބޭނުންވާ ޔޫއެސް ޑޮލަރު ފޯރުކޮށްދިނުމުގެ އިތުރުން ރާއްޖޭން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފައިސާ ފޮނުވުމުގައި ދިވެހިރުފިޔާ އެކައުންޓް ބޭނުންކޮށްގެން ފައިސާ ފޮނުވޭގޮތް ހަމަޖައްސާފައެވެ.”، ބީއެމްއެލް އިން ބުނެފައި ވެއެވެ.