English Edition
Dhivehi Edition
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޤާއިމްކޮށްފައިވާ ބީއެމްއެލްގެ އޭޓީއެމް - ފޮޓޯ: ޓްވިޓާ (ބީއެމްއެލް)

ދިވެހި ރުފިޔާ އެކައުންޓް ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ގޮތް ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފި އެވެ.

ބީއެމްއެލް އިން ބުނީ ކޮންމެ ކަސްޓަމަރަކަށްވެސް މަހެއްގެ މައްޗަށް 500 ޑޮލަރާ ހަމައަށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުމުގައި ދިވެހި ރުފިޔާ އެކައުންޓުން ފައިސާ ފޮނުވޭނެެ ގޮތް ހަމަޖެހިފައިވާ ކަމަށެވެ. ބީއެމްއެލް އިން އެއްވެސް ފީއެއް ނުނަގާނެ ކަމަށާއި، ކަސްޓަމަރުން ދައްކަން ޖެހޭނީ ހަމައެކަނި ފޮރިން ބޭންކް ޗާޖު ކަމަށްވެސް ބޭންކުން ބުނެއެވެ.

މީގެ އިތުރުން މޯބައިލް ޕޭ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވާ ކަސްޓަމަރުންނަށްވެސް ދިވެހި ފައިސާގެ ޑިޖިޓަލް ވޮލެޓް ބޭނުންކޮށްގެން 500 ޑޮލަރާ ހަމައަށް ފައިސާ ފޮނުވޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އެ ޚިދުމަތް ލިބޭނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ރާއްޖެއިން ބޭރުގައި ހުންނަ އެމްބަސީތަކުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ވަނީ ރާއްޖެއިން ބޭރުގައި އޭޓީއެމް އިން ފައިސާ ނެގޭ އަދަދުވެސް އިތުރުކޮށްފަ އެވެ. އެގޮތުން ބީއެމްއެލް އިން ބުނީ އެ ބޭންކުން ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ދުވާލަކު އޭޓީއެމް އިން ނެގޭ އަދަދު 1000 ޑޮލަރާ ހަމައަށް އިތުރުކޮށްފައި ކަމަށެވެ. އަދި އޭޓީއެމްތަކުން ފައިސާ ނަގާއިރު ބޭންކުން ނަގާ ފީވެސް 15 ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށްވެސް ބޭންކުން ބުނެއެވެ.

“ކުރިއެކޭ އެއްގޮތަށް ކަސްޓަމަރުންނަށް ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 600 ޑޮލަރުގެ ވިޔަފާރިކުރެވޭނެ.”، ބީއެމްއެލް އިން ބުނެފައި ވެއެވެ.