English Edition
Dhivehi Edition
މާލެ ސިޓީ - ފޮޓޯ: މުޙައްމަދު އަފްރާޙް (ސަން)

މާލެ ސިޓީން އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއުލާންކޮށްފި އެވެ.

އެޗްޕީއޭ އިން މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފުރަތަމަ މީހާއާއި ސީދާ ކޮންޓެކްޓްވި ދިވެއްސެއްގެ ގައިން ނެގި ސާމްޕަލް އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެމީހާ މިހާރު އައިސޮލޭޝަން ފެސިލިޓީ އަކަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިއީ މާލެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެވަނަ މީހާ ކަމަށްވާއިރު، މިއީ މުޅި ރާއްޖެއިން ޕޮޒިޓިވްވި ހަތްވަނަ މީހާ އެވެ. މިއާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 22 އަށް އެރީއެވެ.

މާލެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އެޗްޕީއޭ އިން ވަނީ 24 ގަޑިއިރަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމުތަންތަނަށް ނިކުތުން މަނާކޮށްފައެވެ. އަދި ހުޅުމާލެ އާއި މާލެ އަދި ވިލިމާލޭގައި ފެރީ އަދި ބަހުގެ ހިދުމަތް ހުއްޓާލުމަށް އަންގާފައިވާއިރު މި ރަށްތަކުގެ އިތުރުން ގުޅީފަޅާއި ތިލަފުށްޓަށްވެސް މީހުން އަރާ ފޭބުންވަނީ މަނާކޮށްފައެވެ.

އަދި އެޗްޕީއޭ އިން ބުނީ ބުނީ މާލެ ސިޓީ “ލޮކްޑައުން” ހާލަތަކަށް ގެނެވިފައިވާ މި ދަނޑިވަޅުގައި، މާލެ ސިޓީގެ އެއްވެސް ސަރަހައްދެއްގައި ބަނދަރުކޮށްފައިވާ އެއްވެސް އުޅަނދެއްވެސް ފުރުމަކީވެސް މަނާކަމެއް ކަމަށެވެ.