English Edition
Dhivehi Edition

އިންޑިއާގެ ހައިދްރާބާދްގެ ދުވަސްވީ އަންހެނަކު މަރުވުމާއިގުޅިގެން އެއާއިލާގެ 11 މީހަކު ކޮވިޑް19 އަށް ޓެސްޓް ކުރި އިރު ޕޮޒިޓިވް ވެފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފިއެވެ.

އުމުރުން 65އަހަރުގެ އެއަންހެން މީހާ މަރުވެފައިވަނީ ބަލިވެގެން ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މިމަހު 11ވަނަ ދުވަހު އެވެ. ސިއްޙީ އޮފިޝަލަކު ބުނެފައިވަނީ އެމީހާ މަރުވުމަށްފަހު އޭނަގެ ޖަނާޒާ ބާއްވައި ނިމުނުފަހުން ލިބުނު ލޭގެ ރިޕޯޓުން އޭނަ ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާ ކަން ވަނީ އެނގިފައެވެ. އަދި އެހާހިސާބުން އޭނަގެ މުޅިއާއިލާ އާއި ޖަނާޒާގައި ބައިވެރިވީ މީހުން ހިމަނައިގެން 41 މީހަކު ޓެސްޓް ކުރި އިރު ޕޮޒިޓިވް ވެފައިވާ ކަމަށް އޭނަބުންޏެވެ.

މީގެ އިތުރުން އޭނަ ބުނެފައިވަނީ މިއީ އިންޑިއާގައި މިހާތަނަށް އެއްއާއިލާ އަކުން މިބައްޔަށް އެންމެ ގިނަމީހުން ޕޮޒިޓިވް ވިފަހަރެވެ. މިހުރިހާ މީހުންނަށް މިހާރު ނިޒާމިއާ އުނަނި ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. “މިކަމުން އެނގެނީ މިއީ މިބަލި ފެތުރިގެންދާނެ ބާރުމިން. އެ އަންހެން މީހާ އަށް މިވައިރަސް ޖެހުނު ގޮތެއް އަދި ހޯދިިފައި ނުވޭ. މިއީ އަހަރެމެން އެންމެ ކަންބޮޑުވާ އެއްކަން. މިހާރު މުޅި އެއަވަށުގައި އޭނައާއި ދިމާވި އިތުރު ބަޔަކު ތިބިތޯ މިބަލަނީ އެސަރަހައްދު ބަންދު ކުރުމަށްފަހު” ސިއްޙީ އޮފިޝަލް ބުންޏެވެ.

ކޮވިޑް19 އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުންދާތީ އެގައުމު ވަނީ އެއްކޮށް ލޮކްޑައުން ކޮށްފައެވެ. ނަމަވެސް އިންޑިއާގެ ގިނަ އަވަށްތަކުން އަދިވެސް މިބަލި މަދުމަދުން ނަމަވެސް ފެންނަމުން ދާކަން ފާހަނގަ ކުރެވެއެވެ.

އިންޑިއާގައި މިހާތަނަށް މިބަލީގެ 11933 ކޭސް ފެނިފައިވާ އިރު 392 މީހަކު އެގައުމުން ވަނީ މަރުވެފައެވެ.