English Edition
Dhivehi Edition
ފުލުހުންގެ ހެޑްކުއާޓާސް، ޝަހީދު ޙުސައިން އާދަމް ބިލްޑިންގ - ފޮޓޯ: މިހާރު

ކޭއެސްޖޭ އޯވަސީސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައިހުރި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އޭޕްރީލް 11 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައި ކޭއެސްޖޭ އޯވަސީސްގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ނަގާފައިހުރި ފައިސާތައް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ރިސޯޓެއްގައި ތިބި އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކުންފުނީގެ ފަރާތުން ފައިސާ ބަލާ މާލެ އައިސް ހުރި މީހާ ފައިސާއާ ހަވާލުވެ، އެ ފައިސާ ހިފައިގެން އެނބުރި ރިސޯޓަށް ފުރަންދެން ގެސްޓްހައުސެއްގައި މަޑުކޮށްގެން ހުއްޓާ ފައިސާ އާއި ރިސޯޓަށް ގެންދިއުމަށް ހުރި އިތުރު ތަކެތި ވެސް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ވަގަށް ނަގާފައި ވަނީ 1،921،130 ރުފިޔާ އާއި 25،943.50ރ. ގެ އަގުހުރި ޑޭޓާ ކާޑު އަދި ރައުޓަރެއްގެ އިތުރުން 11،000ރ. ގެ އަގުހުރި 05 މޯބައިލް ފޯނާއި 29،500ރ. ގެ އަގުހުރި ރީޗާޖު ކާޑު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލައާއި ގުޅިގެން އޭޕްރީލް 12 ވަނަ ދުވަހުގެ ރޭގަނޑު 27 އަހަރުގެ ސްރީ ލަންކާ އަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން، ކޯޓުން އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާރު އެ މައްސަލަ ތަޙުޤީޤު ކުރަމުން އަންނަ ކަމަށެވެ.