English Edition
Dhivehi Edition
14 އޭޕްރީލް 2020 ވަނަ ދުވަހު އޭއީއެޗްގައި ފުރަތަމަ ފަހަރަށް ކުރި މައިބަދައިގެ އޮޕަރޭޝަންގައި ޙަރަކާތްތެރިވި މެޑިކަލް ޓީމް - ފޮޓޯ: އޭއީއެޗް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު މައިބަދައިގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

އޭއީއެޗް އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިއަދު އޮޕަރޭޝަން ކޮށްފައި ވަނީ އުމުރުން 64 އަހަރުގެ އަންހެނަކާއި 68 އަހަރުގެ ފިރިހެނަކު ކަމަށެވެ. އެ ހޮސްޕިޓަލުން ވަނީ އެކަމުގައި ޙަރަކާތްތެރިވި ޓީމަށް މަރުޙަބާ ކިޔައިފަ އެވެ. އަދި އައިޖީއެމްއެޗާއި، ހެލްތު މިނިސްޓްރީގެ އިތުރުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން އަށްވެސް އޭއީއެޗް އިން ވަނީ ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

މިއަދު ކުރިއަށްގެންދިޔަ އެ ސަރުކާރު މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމަކުންނެވެ. އެ އޮޕަރޭޝަންގައި އިސްކޮށް ހުންނެވީ އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. ޔޫސުފް ޝާން އެވެ.

އެ އޮޕަރޭޝަނަށް ޚާއްސަކޮށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ ޓީމް އައްޑޫ ސިޓީ އަށް އައީ އިއްޔެގެ ވަގުތެއްގަ އެވެ.

އޭއީއެޗްގެ ފުރަތަމަ ބޮޑު ސާޖަރީ ކޮށްފައި ވަނީ މި ހިނގާ އޭޕްރީލް މަހުގެ ނުވަ ވަނަ ދުވަހު އެވެ. އެގޮތުން ޑރ. މުންޝިދު އިސްކޮށް ހުންނަވައިގެން ކުރެއްވި އުނަގަނޑުގެ ފްރެކްޗަރގެ އެ އޮޕަރޭޝަންވެސް ވެގެންދިޔައީ ވަރަށް ކާމިޔާބު އޮޕަރޭޝަނަކަށެވެ.

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަކީ ޕްރައިވެޓް ހަ ކޮޓަރި ހިމެނޭ ގޮތަށް ހަދާފައިވާ 100 އެނދުގެ ހޮސްޕިޓަލެކެވެ.