English Edition
Dhivehi Edition

އައްޑޫސިޓީގެ ހުޅުމީދޫއަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ވަކިން އޮންނަ ތަނެކެވެ. ފާއިތުވެގެން ދިޔަ ގިނަ އަހަރުތަކުގައި އައްޑޫގެ އެހެން ސަރަހައްދުތަކާއި އަޅައި ބަލާއިރު ތަރައްގީގެ ކުލަވަރު މަދުން ފެންނަން އޮތް ތަނެކެވެ. ނަމަވެސް މިފަހަކަށް އައިސް ފެނިގެންދަނީ ތަރައްގީގެ ދުވެލީގައި ބާރު މިނެއްގައި ކުރިއަރަމުންދާ ހުޅުމީދޫއެކެވެ. އިގްތިޞާދީ ގޮތުންނާއި އުމްރާނީ ގޮތުން ރަށަށް އަންނަ ކުރިއެރުން ފެންނާނީ ރަށުގައި ދިރިއުޅޭ ބަޔަކަށެވެ. ނުވަތަ ރަށަށް އައިސް ގޮސްވާ ބަޔަކަށެވެ. ރަށުގެ ރައްޔިތުންގެ ދަފްތަރުގައި ރަޖިސްޓްރީވެގެން ރަށުން ބޭރުގައި ދިރިއުޅޭ މީހުންނަށް އިވޭނީ މީހުން ދައްކާވާހަކަތަކުގެ އަޑެވެ. އަދި މިވާހަކަތަކުގެ ދޮގު ތެދު ނުބަލައި ސޯޝަލް މީޑިއާގައި ހިތުހުރި ވާހަކައެއް ދައްކަމުން ދިއުމަކީ ލިބެމުންދާ ތަރައްގީއަށް އެޅޭނެ ހުރަހެކެވެ. ރައްޔިތުންނާއި ސަރުކާރު ޖެއްސުމަށް ހެދޭ ފިތުނައެވެ.

ޒަމާނުއްސުރެ ހުޅުމީދޫގެ ރައްޔިތުންނަށް އެންމެ ބޮޑު ތަކުލީފެއް އުފުލަން ޖެހިފައި އޮތީ ދަތުރުފަތުރުގެ ކަންތަކުގައެވެ. ތަފާތު އެކި ބޭނުންތަކުގައި އައްޑޫގެ ގުޅިފައިވާ އެހެން ރަށްރަށަށް ދިއުމަކީ އޭރު ހުޅުމީދޫގެ ރައްޔިތުންނަށް ބޮޑު ވޭނެކެވެ. ވަކިން ޚާއްޞަކޮށް ސިއްޙީ ޚިދުމަތް ހޯދުމަށް ހިތަދޫއަށް ދިއުމަކީ ނުހަނު ވޭންދެނިވި ކަމެކެވެ. ކޮންމެ ހޮނިހިރު ދުވަހަކަށް ޚާއްސަކޮށްގެން އަމިއްލަ ބަޔަކު ދުއްވާ ފެރީ ދޯންޏެއްގައި ފޭދޫއަށް ގޮސް އަދި ޓެކްސީ ގައި ހޮސްޕިޓަލަށް ދިއުމަށް ބޮޑެތި ޚަރަދުތައް ކުރަން ޖެހެއެވެ. ނަމަވެސް މިހާރު މިފަދަ ތަކުލީފެއް އުފުލަން އެ ދެރަށުގެ ރައްޔިތުންނަކަށް ނުޖެހެއެވެ. ސަދަން ޓްރާންސްޕޯޓް ލިމިޓެޑުގެ ޚިދުމަތާއެކު ބޭނުން ގަޑިއެއްގައި ހުޅުމީދޫ ބަނދަރުން ފުރައިގެން ފޭދޫއަށް ދެވެއެވެ. ލަގްޒަރީ އެއާރކޮންޑިޝަން ބަހުގައި ހެޔޮ އަގުގައި ހިތަދޫއަށް އެބަދެވެއެވެ. ސީއެމްބިޔުލަންސްގެ ޚިދުމަތް މިވަނީ ލިބެން ފަށާފައެވެ. އަމިއްލަ ރަށުގައި ސްކޫލްތަކުގެ ދަރިވަރުންނަށް ވެސް ދަތުރުކުރުމަށާއި އަދި ބަނދަރު ސަރަހައްދަށް ދާން ބޭނުންވާ މީހުންނަށް ފަސޭހައިން ދަތުރުކުރެވޭ ގޮތަށް ޝެޑިއުލް ބަސް ދަތުރު އެބަ އޮވެއެވެ. ވިޔަފާރިވެރިންނަށް ލުއިފަސޭހަ ވެގެން ދިއުމާއެކު އާންމު ރައްޔިތުންނަށް ވެސް އެތަކެއް ފަސޭހަތަކެއް މީގެ ސަބަބުން ވަނީ ގެނެސްދީފައެވެ.

ދެން އޮތީ ކުނިބުނީގެ މައްސަލައެވެ. މީގެ ކުރިން މިއީ މި ދެރަށުގެ ރައްޔިތުން ނުހަނު ކަންބޮޑުވި މައްސަލައެކެވެ. ކުނިމެނޭޖްކޮށް ބެލެހެއްޓޭނެ ގޮތެއް ނެތުމުގެ ސަބަބުން މީހުން ކުނިއަޅަމުން ދިޔައީ ހިތުހުރި ތަނަކަށެވެ. މުޅީ ރަށް އޮތީ ގޮނޑުވެފައެވެ. ނަމަވެސް ވެމްކޯގެ މަސައްކަތް އައްޑޫގައި ކުރެވޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައި ދެއްވުމާއެކު ރައްޔިތުންނަށް ލިބިގެން ދިޔަ ފަސޭހަ ނުލާހިކު ބޮޑެވެ. ގޭގައި ތިއްބާ ކުނިއުކާ ވެހިކަލް އައިސް ކުނި ގެންގޮސް އެތަކެތި ނައްތާލެވޭނެ ގޮތް ފަސޭހަކަމާއެކު ރައްޔިތުންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނެވެ.

ރަނގަޅު ފެންވަރުގެ މަގުތައް ހެދި ގިނަ މަގުތަކެއްގައި ގާއަޅައި ދުއްވާތަކެއްޗަށް ފަސޭހަ ކަމާއެކު ދުއްވޭނެ ގޮތް ވުމަށް ހުޅުމީދޫގެ ރައްޔިތުންވެސް ތިބީ އެދިއެދިއެވެ. ރައްޔިތުންގެ އުއްމީދުތައް މިހާރު މިދަނީ ފުރިހަމަ ވަމުންނެވެ. ދެރަށުގެ މައި މަގުތަކުގައި ތާރު އެޅުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވަމުންދާއިރު އާންމު ގޮތެއްގައި ގިނަކަންކަމުގައި ބޭނުންހިފަންޖެހޭ ހަނި ގޯޅިތަކަށް އިސްކަން ދީގެން ސަރުކާރުން ގެންދަނީ ގާއެޅުމުގެ މަޝްރޫއު ހިންގަމުންނެވެ. މިހާރުވެސް ބައެއް މަގުތަކުގައި އެވަނީ ގާއަތުރައި ނިންމާފައެވެ. އެމްއާރުޑީސީގެ ވެހިކަލް ތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ ރަށުގެ ވެލިމަގުތައް މަރާމާތުކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށް ދިނުމަށެވެ.

ހުޅުމީދޫގެ ބޮޑުމަގާއި ދެރަށުގެވެސް ހުރަސް މަގުގައި ތާރު އަޅައި ނިމޭއިރު ވިއްސާރަ މޫސުމުގައި ވެސް ފަސޭހަކަމާއެކު ރައްޔިތުންނަށް މަގުގެ ބޭނުން ހިފެމުންދާނެއެވެ. ހަމަ މިއާއެކު ސާފުބޯފެނުގެ މަޝްރޫއުގެ މަސައްކަތް ކުރއަށް ގޮސް ހުރިހާ ގެއަކަށް ފެންހޮޅި މިވަނީ ގުޅައިދީފައެވެ. މިހާރު ކުރިއަށް ދަނީ ނަރުދަމާގެ މަސައްކަތްތަކެވެ. މާދުރުނޫން މުސްތަގުބަލެއްގައި ހުރިހާ ގެއަކަށް މި ޚިދުމަތް ވެސް ލިބޭނެ މަގު ފަހިވެގެންދާނެއެވެ.

ރަށް ގިރުމުގެ މައްސަލައަކީ ހުޅުމީދޫގެ ގިނަ ރައްޔިތުންތަކެއްގެ ކަންބޮޑުވުމެކެވެ. އެކަންތައްތަކަށް ވެސް ސަރުކާރުން މިވަނީ ހައްލު ހޯދައިދޭން ފަށާފައެވެ. ހުޅޫދޫގެ ވަށައިގެން ބޮޑު ހިލަ ޖެއްސުމުގެ މަޝްރޫއު ކުރިއަށް ގޮސް ނިމުމަކާ ކައިރިވެފައިވާއިރު އެ މަޝްރޫގެ 2 ވަނަ ފޭސްގެ ގޮތުގައި މީދޫގެ ވަށައިގެން ބޮޑުހިލަ ޖެއްސުމުގެ މަސައްކަތް ފެށިގެންދާނެއެވެ. މިއީ ހުޅުމީދޫގެ ރައްޔިތުންގެ ޒަމާންވީ ކަންބޮޑުވުންތަކަށް ނިމުން ގެނެސްދީ ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދޭނެ ކަމެއްކަން ޔަގީނެވެ.

ހުޅޫމީދޫގައި ވަޒީފާގެ ފުރުސަތުތައް މަދުކަމަށް ބުނެ 2 ރަށުގެ ގިނަ ބަޔަކު ދިރިއުޅެމުންދަނީ މާލޭގައެވެ. ނަމަވެސް މިހާރު ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާއެކު 2 ރަށުގެ ރައްޔިތުންނަށް ޚާއްޞަކޮށްގެން ވަޒީފާގެ ގިނަ ފުރުސަތުތައް ދަނީ އުފައްދަމުންނެވެ. އެސްޓީއެލްގެ ދަތުރު ތަކާއެކު ވަޒީފާ ނެތް ގިނަ ބަޔަކަށް އަމިއްލަ ރަށުން ވަޒީފާ ލިބިގެން ދިޔައެވެ. ހަމަ އެއާއެކު ސަރުކާރުގެ ގިނަ ކުންފުނިތަކުގެ މަސައްކަތް ހުޅުމީދޫގައި ފެށުމާއެކު ވަޒީފާ އިތުރުވިއެވެ. މިއަހަރު ނިމޭތާގައި ގިނަ ވަޒީފާ ތަކަކާއެކު ހުޅުވިގެންދާނެ މަސްފެކްޓަރީއަކީ ރަށުގެ އިގްތިސާދަށް ހެޔޮ އަސަރު ފޯރުކޮށްދޭނެ ތަނެއްކަން ހުޅުމީދޫގެ ރައްޔިތުންނަށް އެނގެއެވެ.

ރަށުގެ ޒުވާނުންނަށް ޚާާއްޞަކޮށްގެން ފުޓްސަލް ދަނޑުތައް ހެދިފައިވާ އިރު ދެރަށުގައިވެސް ސްޕޯޓްސް އެރީނާތައް ގާއިމުކުރެވި ހުޅުމީދޫގެ ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ގޮތްތައް ސަރުކާރުން ގެންދަނީ ފަހިކޮށް ދެއްވަމުންނެވެ.

ހުޅުމީދޫއާއި ގުޅިފައިވާ ހެރެތެރެ ރިސޯޓާއެކު ރަށަށް އަންނަމުންދާ އިގްތިސާދީ ކުރިއެރުމަށް އިތުރު ހަލުވިކަމެއް ގެނެސްދޭނީ މިހާރު އަލަށް ތައްޔާރުކުރަމުންދާ އިސްމެހެލާ ހެރަ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އިސްމެހެލާ ހެރައިގެ މަސައްކަތް ނުކުރެވޭ ކަަމަށް ބުނެ ސަރުކާރާ ދިމާއަށް ފާޑުކިޔަމުން ދާއިރު ހަލުވި މިނެއްގައި އެތަނުގެ މަސައްކަތް ފެށި އަންނަ އަހަރުގެ އޮގަސްޓް މަހުގެ 1 ވަނަ ދުވަަހަށް ރިސޯޓް ހުޅުވޭނެ ކަމަށް އެ ރިސޯޓާ ހަވާލުވި ކުންފުނިން ދަނީ ބުނަމުންނެވެ.

ގިނަ ކުރިއެރުންތަކަކާއެކު ހުޅުމީދޫއަށް މިއަންނަ ތަރައްގީ ދެކެ ހަސަދަވެރިވާ ބަޔަކު ފިތުނަ އުފެއްދުމަށް ސަރުކާރުން އެދެރަށަށް ކަމެއް ކޮށްނުދޭކަމަށް ބުނަމުން ދިޔަ ނަމަވެސް ރައްޔިތުންނަށް ހަގީގަތް އޮތީ ހާމަވެ ފެންނާށެވެ.

ޓެގު

2 ކޮމެންޓް
Mmaa
އޮގަސްޓް 20, 2017
Rahyitthun beynun vanee thaathu elhi mageh noon. . Adhulu insaafu
Faisaa
އޮގަސްޓް 20, 2017
Faisaa ah hedhi kunfuni eVamco akee mdp verikamuga Swiss sarukaarun dhin