English Edition
Dhivehi Edition

ކޮވިޑް-19 ފެތުރުނަ ނުދިނުމަށް ރާއްޖޭގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ވެސް، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް އުޒުރެއްނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ފެތުރުނަށް ނުދިނުމަށް އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ދައުލަތުގެ އިދާރާތައް ބަންދުކުރި ފަހުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީގެ ބައްދަލުވުންތައްް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވަމުން އަންނައިރު، މަޖިލީހުގެ ޖަލްސާތައް އިތުރަށް ކުރިއަށް ގެންދާނެގޮތަކާ މެދު މަޝްވަރާކުރުމަށް ޕާލަމެންޓްރީ ގްރޫޕުތައް މިއަދު ވަނީ މަޖިލީހަށް ވަޑައިގެން ބައްދަލުކުރައްވާފައެވެ.

މިއަދުގެ ބައްދަލުވުން ފައްޓަވަމުން ނަޝީދު ވިދާޅުވީ މަޖިލީހުން އަވަހަށް ނިންމަން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި މި ގޮތުން ގާނޫނީ ހައްލު ބޭނުންވާ ކަންކަމަށް ގާނޫނީ ހައްލު ހޯދައި ދިނުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ފަދަ މަސައްކަތްތައް ކުރަން ރައްޔިތުންގެ މަޖިލީހަށް އުޒުރެއް ނެތް ކަމަށެވެ، އާންމު ގާނޫނު ގަވާއިދުގެ މުއްދަތު މި މަހު ހަމަވާ މައްސަލަ އާއި ލޯކަލް ކައުންސިލު އިންތިހާބު ލަސްކުރުމުގެ މައްސަލައަކީ ކުރިއަށް ހުރި މައްސަލަތައްކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ ހަގީގަތުގައި މަސައްކަތް މަޑުޖައްސާލައިގެން ތިބުމަށް ދެއްކޭނެ އުޒުރެއް ނެތްކަމަށެވެ.

ނަޝީދުގެ ވާހަކަތަކަށް ޖަވާބުދެއްވަމުން އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވިދާޅުވީީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު ޖަލްސާތައް ބޭއްވިދާނެ ކަމަށް ގަބޫލު ކުރެއްވޭ ކަމަށާއި އެކަމަކު، އެ ގޮތަށް ޖަލްސާތައް ބާއްވަން ފެނިވަޑައިނުގަންނަވާކަމަށެވެ.