English Edition
Dhivehi Edition
ޓްރިވެންޑްރަމްގައި ތިބި ބައެއް ދިވެހިންނާއެކު 11 އޭޕްރީލް 2020 ވަނަ ދުވަހު މާލެ އައި މޯލްޑިވިއަންގެ ފްލައިޓެއް - ފޮޓޯ: މޯލްޑިވިއަން

އިންޑިއާގެ ޓްރިވެންޑްރަމްގައި ތާށިވެފައި ތިބި ދިވެހިންގެ ތެރެއިން 205 މީހުން މިއަދު ރާއްޖެ ގެނެސްފައިވާ ކަމަށް ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަނުން ބުނެފި އެވެ.

މޯލްޑިވިއަނުން މިއަދު ބުނީ ޓްރިވެންޑްރަމްގައި ތިބި ދިވެހިންގެ ތެރެއިން މިއަދު 205 މީހުން މާލެ ގެނެސްފައިވާ ކަމަށާއި، ޓްރިވެންޑްރަމުން އައި ދެވަނަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން މޯލްޑިވިއަންގެ ޕީއާރު މެނޭޖަރ، މޫސާ ވަސީމް ވިދާޅުވީ މިއަދު ރާއްޖެ އައި މޯލްޑިވިއަންގެ ފްލައިޓަކީ މިދިޔަ މަހުގެ 21 ވަނަ ދުވަހު މޯލްޑިވިއަންގެ ފްލައިޓް ކެންސަލްވުމުން އިންޑިއާގައި ތާށިވެފައި ތިބި މީހުންނާއި އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ގޮތް ތިބި ދިވެހިން އަނބުރާ ޤައުމަށް ގެނައުމަށް ބާއްވާ ފްލައިޓެއް ކަމަށެވެ.

މިއަދު އިންޑިއާއަށް ދިޔަ މޯލްޑިވިއަންގެ ފްލައިޓުގައި ޓްރިވެންޑްރަމާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް، ޢާއިލާތަކުން ފޮނުވި 150 އަށްވުރެ ގިނަ ‘ކެއަރ ޕެކެޖް’ވެސް ވަނީ ގެންގޮސްދީފައެވެ.

މީގެ އިތުރުން މޯލްޑިވިއަނުން ވަނީ މީގެ ކުރިންވެސް އިންޑިއާގެ ކޮޗިން އާއި ސްރީ ލަންކާ އަދި މެލޭޝިޔާގައި ތާށިވެފައި ތިބި ދިވެހިންވެސް ރާއްޖެ ގެނެސްދީފައެވެ. އަދި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންނަށް މޯލްޑިވިއަނުން ވަނީ އެހީގެ ތަކެތިވެސް ފޯރުކޮށްދީފައެވެ.