English Edition
Dhivehi Edition

ކޮންޓިންޖެންސީ ބަޖެޓުން ހޭދަ ކުރެވޭނެ ގޮތް ރައީސް ސޯލިހަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެ މަނިކުފާނަކީ ގާނޫނު ހަދާ މަޖިލީހުގައި 25 އަހަރު މެންބަރުކަން ކުރެއްވި ބޭފުޅެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ ސަރުކާރުގެ އޮޑިޓިންގ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި އަދި މިހާރު ނޭޝަނަލް ޓެންޑަރ ބޯޑުގެ ޗެއާރމަން ކަން ކުރައްވަމުން ގެންދަވާ ޒަރިޔަންދު ކުރެއްވި ޓުވިޓަކަށް ރައްދު ދެއްވަމުންނެވެ.

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޒަރިޔަންދު ކުރެއްވި ޓުވިއްޓެއްގައި ވިދާޅުވީ ކޮންޓިންޖެންސީއަކީ، އަހަރީ ބަޖެޓްގައިވާ “ކަންކަމުގެ” ތެރެއިން އިތުރަށް ޚަރަދުކުރަންޖެހިދާނޭ ކަމަށް ބަހައްޓާ މިންވަރެއްކަމަށާއި ބަޖެޓްގައި ނެތް އިމާރާތްކުރުމުގެ ބޮޑެތި މަޝްރޫޢުތަކަށް ކެޕިޓަލް ޚަރަދުކުރުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭނެކަން މަޖްލީހަށް އެނގެންޖެހޭނެކަމަށެވެ.

ޒަރިޔަންދުގެ މިވާހަކައަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ޤާނޫނާއި ހިލާފްކަމެއް ނުކުރައްވާނެކަމަށެވެ. “ރައްޔިތުންނަށް އޮޅުވާލާ ފިތުނަހެދުން ނޫން އެހެން ބޭނުމެއް މި ވާހަކައިން ނުފެނޭ. ރައީސްގެ މަޤްބޫލުކަން މާ ބޮޑަށް އިތުރުވަނީ ދޯ” ރޮޒައިނާގެ ޓުވިޓްގައި ވިދާޅުވިއެވެ.

އެމްޑީޕީގެ އިސް ސަޕޯޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޒަރިޔަންދުވަނީ މި ފަހުން ސަރުކާރަށް ބައެއް ތުހުމަތުތަކާއެކު ގިނަ ޓްވީޓްތަކެއް ކުރައްވާފައެެވެ. މި ގޮތުން ޒަރިޔަންދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ މިހާރުވެސް ވައްކަން ކުރަނީ ކުރީގަ ވައްކަން ކުރި މީހުންކަމަށާއި ކުރިން ވަންކަންކުރީ ރައްޔިތުންގެ މުދަލުން ކަމަށެވެ. އަދި މިހާރު ވައްކަންކުރަނީ ރައްޔިތުންގެ ސިއްހީ ސަލާމަތުގެ ނަމުގައި ކަމަށާއި ކުރިންވެސް އަދި މިހާރުވެސް ވައްކަންކުރަނީ ހަމަ އެއް ގްރޫޕެއްކަމަށެވެ