ރާއްޖެއިން ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ސީދާ ކޮންޓެކްޓްވި ދިވެއްސަކު ޓެސްޓްކުރަން ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ރާއްޖެއިން ފުރިފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީއަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ދިވެއްސެއްގެ ފުށުން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ.
އަދި އެ މީހާ މިހާރުވަނީ މޮނީޓަރ ކުރުމަށް ފެސިލިޓީއެއްގައި އެކަހެރިކޮށްފައި ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
ޗައިނާގެ ވުހާން އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 19 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން އަންނަނީ ބަލި ފެތުރިޔަ ނުދިނުމަށާއި ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އަންނަ ހަފްތާގައިވެސް ސަރުކާރުގެ އޮފީސްތައް ނުހުޅުއްވުމަށާއި، ސްކޫލްތަކާއި، ކޮލެޖުތަކާއި، ޔުނިވަރސިޓީތަކުގެ ކިޔެވުންވެސް ބަންދުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ރޭ ނިންމަވައިފަ އެވެ.
އަދި މިހާތަނަށް މުޅި ދުނިޔެއިން 1,531,192 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، އެ ބަލީގައި 89,575 މީހުން މަރުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 337,276 އަށް އަރައިފަ އެވެ.