English Edition
Dhivehi Edition

އިންޑިއާގެ ދެމަފިރިއަކަށް ލިބުނު ފިރިހެން ކުއްޖަކަށް “ލޮކްޑައުން” ގެ ނަމުން ނަންދީފިއެވެ.

މި ދެމަފިރިން އެކުއްޖާ އަށް އެނަން ކިޔާފައިވަނީ މިހާރު ހަލުވި ކަމާއެކު މުޅި ދުނިޔޭގައިފެތުރެމުން އަންނަ ނޮވެލް ކޮރޯނާވައިރަސް ނުވަތަ ކޮވިޑް19 އާއި ގުޅިގެން ގިނަ ގައުމުތައް “ލޮކްޑައުން” (ފުރަބަންދު) ކޮށްފައި ވަނިކޮށެވެ.

މި ކުއްޖާ އުފަން ވެފައިވަނީ މިދިޔަ ހޯމަ ދުވަހު އިންޑިއާގެ އަވަށެއް ކަމަށްވާ ބައްޗޭރީ ވިލެޖަށެވެ. އޭރު މުޅި އިންޑިއާ ލޮކްޑައުން ކޮށްފައިވާތާ ވަނީ 12ދުވަސްވެފައެވެ.

މިކުއްޖާގެ މައިންބަފައިންނާ ހަވާލާދީ ޑެއިލީ މެއިލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ކުއްޖާ އުފަން ވުމާއެކު އުފަންދުވަހުގެ ސެޓްފިކެޓްގައި ލިޔާނެ ނަމަކާމެދު ނަރުހުން ސުވާލު ކުރުމުން އެކުއްޖާގެ ބައްފަ ކަމަށްވާ މަންޖޫ ބުނެފައިވަނީ “ލޮކްޑައުން” ލިޔުމަށެވެ. އަދި ސަބަބަކަށް ބުނީ މުޅިއިންޑިއާ ލޮކްޑައުންގައި ވަނިކޮށް މިކުއްޖާ އުފަންވީމަ ނަމަކަށް އެންމެ އެކަށީގެން ވަނީ އެނަންކަމަށެވެ.

“އަހަރެމެންނާއި މުޅި އިންޑިއާ މިވަބާއިން ހަނދާން ނެތިގެން ނުދާނެ މި ނަން ދަރިފުޅަށް ދިނުމުން. މުޅި ދުނިޔެ ލޮކްޑައުން އެއްގައި ވަނީ. މިކަންތަކަކީ އެއާ ލުއިކޮށް ގެންދަން ޖެހޭ ކަންތަކެއްނޫން” މަންޖޫ ބުންޏެވެ.

“ލޮކްޑައުން” ގެ ނަމުން މި ކުއްޖާ އަށް ނަންދީަފއިވާއިރު މީގެ ހަފްތާއެއް ކުރިން އިންޑިއާއަށް އުފަންވީ އެއްމާބަނޑު ދެކުދިންނަށް ވަނީ “ކޮރޯނާ” އަދި “ކޮވިޑް” ގެ ނަމުން ނަންދީފައެވެ. މި ދެކުދިންގެ މައިންބަފައިން ކަމަށްވާ ޕްރީތީ އަދި ވިނޭ ބުނެފައިވަނީ މި ނަން އެމީހުންގެ ދަރިންނަށް ދޭން ނިންމީވެސް މި ނުރައްކާތެރި ބަލި އަބަދުވެސް އެންމެނަށް ހަނދުމަކޮށް ދިނުމުގެ ގޮތުންނެވެ.

އިންޑިއާގައި މިހާތަނަށް 5700 މީހުން ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު މިހާތަނަށް 166މީހުން މަރުވެފައިވެއެވެ.