English Edition
Dhivehi Edition
05 އޭޕްރީލް 2020 ވަނަ ދުވަހު ލަންކާގައި އުޅޭ ދިވެހި ޢާއިލާތަކަށް ފޮނުވި ކެއަރ ޕެކޭޖްތައް މޯލްޑިވިއަންގެ ފްލައިޓަށް އަރުވަނީ - ފޮޓޯ: މޯލްޑިވިއަން

އިންޑިއާގެ ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިނަށް ‘ކެއަރ ޕެކެޖް’ ފޮނުވައިދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އާއި ގުޅިގެން ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކަށް ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، އެފަދަ ފަރާތްތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 11 އޭޕްރީލް 2020 ވަނަ ދުވަހު ތިރިވަނަންތަޕޫރަމް އަށް މޯލްޑިވިއަން އިން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފްލައިޓުގައި ދިވެހި ޢާއިލާތަކުން ފޮނުވަން ބޭނުންވާ ތަކެތި ހިލޭ، ފޮނުވައިދިނުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން، ތިރިވަނަންތަޕޫރަމް އާއި ކޮޗިންގައި ދިރިއުޅޭ ދިވެހިންނަށް ތަކެތި ފޮނުވުމަށް ބޭނުންވާ ފަރާތްތަކުން، އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލާއި އެއްގޮތަށް، މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ފޯރމް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، މިފަހަރު ފުރުސަތު ދެވޭނީ، ފޯމް ހުށަހަޅުއްވާ ތަރުތީބުން، އެންމެ ފުރަތަމަ ފޯމް ހުށަހަޅުއްވާ 600 ފަރާތަށް ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑިޕާރޗަރ ހޯލް ކައިރީގައި ބެހެއްޓިފައިވާ ހާއްސަ ކައުންޓަރު ތަކުން، 10 އެޕްރީލް 2020 ވާ ހުކުރު ދުވަހުގެ ހެނދުނު 08:00 އިންމެންދުރު 11:00 އަށް އަދި މެންދުރުފަހު 14:00 އިން ހަވީރު 18:00 އަށް ކަމަށްވެސް އެ އިއުލާނުގައި ބުނެފައި ވެއެވެ.

އެކަމާއި ބެހޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ހޮޓްލައިން ނަންބަރު: 3023996 އަދި 3023943 އާއ ގުޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ ކުރިން ސަރުކާރުން ވަނީ މޯލްޑިވިއަން މެދުވެރިކޮށް ސްރީލަންކާ އާއި މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށްވެސް އެހީގެ ތަކެތި ފޮނުވުމުގެ އިންތިޒާމް ހަމަޖައްސައިދީފައެވެ.