English Edition
Dhivehi Edition

ތަންތަން ބަންދުކޮށްގެން އަބަދު ނުތިބެވޭނެ ކަމަށާއި ރައްޔިތުން އާންމު ހާލަތަކަށް އަންނަން ތައްޔާރުވާން ވެއްޖެ ކަމަށް ކޮވިޑް19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ ކޮވިޑް-19އާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން މަބްރޫކް ވިދާޅުވީ ކޮންމެ ވެސް ދުވަހަކުން ރާއްޖެ އާންމު ހާލަތަކަށް އަންނަންޖެހޭނެ ކަމަށާއި އެހެން ނަމަވެސް އެ އާންމު ހާލަތަކީ ކުރިން ދިރިއުޅުނު އާންމު ހާލަތަށް ނުވެދާނެ ކަމަށެވެ.

މުޅިން އާ އާދަތަކަކަށް ދިރިއުޅުން ބައްޓަން ކުރަން ޖެހިފައިވާ ކަން ހާމަ ކުރައްވަމުން މަބްރޫކު ވިދާޅުވީ މިހާރު މިއޮތް ޙާލަތާއި އެކަށޭނަ ވާނޭހެން ކަންކަމުގައި އުޅުނަސް ތޮތްޖެހޭހެން ނޫޅުމަށާއި ޖަމާޢަތް ހަދައިގެން ނުތިބުމާއި ފިހާރަތަކުގައި ހުންނަ ތަކެތީގައި އަތް ނުލުމާއި ކޭޝްލެސް ކޮށް އުޅެން ދަސްކުރަންޖެހޭ ކަމަށެވެ.

ޑެލިވަރީގެ ޚިދުމަތް ބަލައިގަތުމާއި އޮންލައިން ޓްރާންސެކްޝަން ތައް ހެދުމަށް އިސްކަން ދިނުމަށް ވެސް މަބްރޫކު ވަނީ އެދިވަޑައިގެންފައެވެ.

މަބްރޫކު އިތުރަށް ވިދާޅުވީ ގޭތެރޭގެ މާޙައުލުގައި އުޅޭ އުޅުމުގައިވެސް ސަލާމަތާއި ރައްކާތެރިކަމާއި ސާފުތާހިރު ކަމުގެ ގޮތުން ފިޔަވަޅުތައް އަޅައިގެން ތިބުމާއެކު އާމްދަނީ ހޯދުމަށްވެސް އާ އީޖާދުތަކާއި އާގޮތްތަަކަށް ވިސްނަން މިއަދު މަޖްބޫރު ވެފައިވާ ކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން މެދުނުކެނޑި ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުންތަކުގައި މަބްރޫކު ގެންދަވަނީ ކޮންމެ ދުވަހަކުވެސް މިބަލިން ރައްކާތެރިވުމަށް ވިސްނަންވީ މުހިއްމު ކަންތައްތަކުގެ މައްޗަށް ވާހަކަ ދައްކަވާ ނަސޭޙަތް ދެއްވަމުން ނެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދަކީ 19 އެވެ. މީގެ ތެރެއިން 13 މީހަކު ވަނީ މިބަލިން އެއް ކޮށް ރަނގަޅުވެފައެވެ. ރާއްޖޭގައި މިހާރު ފަރުވާ ދެމުންދާ މީހުންގެ ޢަދަދަކީ 4 އެވެ. މީގެ އިތުރުން ރާއްޖެއިން ފުރި ފަހުން ދެމީހަކު ބައްޔަށް ޕޮޒިޓިވް ވިކަން ވަނީ އެނގިފައެވެ. ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގެ ކަރަންޓީން ފެސިލިޓީތަކުގައި 1019 މީހުން ތިބިއިރު މިވަގުތު އައިސޮލޭޝަން ގައި ތިބީ 11 މީހުންނެވެ.