English Edition
Dhivehi Edition

ކޮވިޑް-19އާ ގުޅިގެން ކުރިމަތިވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖަށް ކުރިމަތިލުމުގެ ފުރުސަތު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު ހުޅުވާލައިފިއެވެ.

ބީއެމްއެލް އިން ބުނީ އެ ސްކީމް އަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމާއެކު ތައާރަފްކުރެވުނު ލޯން ސްކީމެއް ކަމަށެވެ.

މީގެ އިތުރުން ބީއެމްއެލް އިން ބުނީ އެ ސްކީމްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސް އިން ކަނޑައަޅާ އުސޫލްތަކުގެ މައްޗަށް ބިނާކޮށް ލޯން ދޫކުރަންޖެހޭ ރިސޯޓްތަކާއި ވިޔަފާރިތަކުގެ ލިސްޓެއް އެ މިނިސްޓްރީން ބޭންކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ސްކީމްގެ ދަށުން ލޯނަށް އެދި ހުށަހަޅާނީ ބޭންކުން ކަނޑައަޅާފައިވާ mv.com.bml@recoveryscheme އީމެއިލް މެދުވެރިކޮށް ކަމަށްވެސް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ.

މި ލޯނާއި ބެހޭ އިތުރު ތަފްސީލް ދެއްވަމުން ބީއެމްއިލް އިން ބުނީ އެޕްލިކޭޝަން ލިބުމުން ބޭންކުން ކްރެޓިޑް އިވެލުއޭޝަން ހެދުމަށްފަހު ލޯނު ލިބޭ ފަރާތްތަކަށް ގުޅާ އެކަން އަންގާނެ ކަމަށެވެ. އަދި ލޯނު ލިބޭ ފަރާތްތަކުން ލޯނު އެގްރީމަންޓް ފުރިހަމަ ކުރުމަށްޓަކައި އެންމެ ކައިރި ބްރާންޗަކަށް ދާންޖެހޭނެ ކަމަށްވެސް ބީއެމްއެލް އިންވަނީ ބުނެފައެވެ. އަދި މި ފޯމާއި އެކުގައި ސޯލް ޕްރޮޕްރިއެޓަރާއި އައިޑީ ކާޑު ކޮޕީއާ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއާ ކުންފުނި ނުވަތަ ޕާރޓްނަރޝިޕް ރަޖިސްޓްރީ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންޖެހެއެވެ

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ލޯނުތައް ދެވޭނީ ހަ މަސްދުވަހުގެ ގްރޭސް ޕީރިއަޑަކާ އެކު ހަ ޕަސެންޓު އިންޓްރެސްޓު ރޭޓުގައި ކަމަށެވެ. ލޯނު އަނބުރާ ދައްކަން ޖެހޭނީ ތިން އަހަރު ދުވަހުގެ ތެރޭގައި ކަމަށްވެސް ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ އިގްތިސާދަށާއި ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި ސަރުކާރުން އިއުލާނުކޮށްފައިވާ އިކޮނޮމިކް ރިލީފް ޕެކޭޖްގެ ދަށުން ވާކިން ކެޕިޓަލް އަދި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯން ދޫކުރުމާއި، ދެ މަސްދުވަހަށް ފެން އަދި ކަރަންޓް ބިލުން ބައެއް ސަރުކާރުން ދައްކައިދިނުމާއި، ބޭންކް އޮފް މޯލްޑިވްސް އަދި ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން ނަގާފައިހުރި ދަރަނީގެ ޕްރިންސިޕަލް އަދި އިންޓަރެސްޓް ޕޭމަންޓްތައް ހަ މަސްދުވަހަށް ފަސްކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން އެމްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުން މިހާތަނަށް ދޫކޮށްފައިހުރި ލޯނުތަކުގެ ދަރަނީގެ ޕްރިންސިޕަލް އަދި އިންޓްރެސްޓް ޕޭމަންޓްތައް މިއަހަރުގެ މާޗް އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ލަސްކޮށް ދިނުން ހިމެނެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ހުރިހާ ލޯންތަކުގެ އިންޓަރެސްޓް ރޭޓް ހަތަރު އިންސައްތައަށް ކުޑަކޮށްދިނުމާއި، ނޭޝަނަލް ސްޓޫޑަންޓް ލޯން ސްކީމުގެ ދަށުން ދޫކޮށްފައިވާ ލޯންތައް އަނބުރާ ދެއްކުން ހަ މަހަށް ފަސް ކުރުމުގެ އިތުރުން ކޮވިޑް19 އާ ގުޅިގެން ވަޒީފާ ގެއްލޭ ފަރާތްތަކަށް ސަރުކާރުން އެލަވަންސްއެއް ދިނުންވެސް މި ޕެކޭޖްގެ ތެރޭގައި ހިމެނެއެވެ.