އައްޑޫ ސިޓީ މަރަދޫ ޞިއްޙީ މަރުކަޒު (އެމް.އެޗް.ސީ)ގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.
އަންގާރަ ދުވަހު މަރަދޫ ޞިއްޙީ މަރުކަޒުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މަރުކަޒުގެ މުވައްޒަފުންނަށް ޚާއްސަ ޔުނީފޯމެއް ވަނީ ތަޢާރަފްކޮށްފައެވެ. އަދި އެ ރަސްމިއްޔާތުގައި މުވައްޒަފުން ބައިވެރިވެފައި ވަނީ އެ ޔުނީފޯމުގައި ކަމަށްވާއިރު، އަންގާރަ ދުވަހުން ފެށިގެން އެ މުވައްޒަފުންތައް ވަޒީފާއަށް ނިކުންނާނީ އަލަށް ތަޢާރަފްކުރި ޔުނީފޯމުގަ އެވެ.
މިއަދު ހެނދުނު އެމް.އެޗް.ސީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެ މަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އައްޑޫ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރ، ޢަބްދުﷲ ތައްޔިބު ވިދާޅުވީ މުވައްޒަފުންނަށް ޔުނީފޯމް ތަޢާރަފް ކުރުމަކީ މުވައްޒަފުންގެ އަމިއްލަ ނިންމުމެއް ކަމަށާއި، އެ މުވައްޒަފުންގެ އަމިއްލަ ޚަރަދުގައި ތައްޔާރުކޮށްފައިވާ ޔުނީފޯމެއް ކަމަށެވެ.
އެގޮތުން ތައްޔިބު ވިދާޅުވީ ކޮންމެ މުވައްޒަފަކަށް ދެ ޔުނީފޯމް ފެހުމަށްޓަކައި އެވަރެޖުކޮށް ކޮންމެ މުވައްޒަފަކު 1،200ރ. ހޭދަކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން ތައްޔިބު ވިދާޅުވީ ޔުނީފޯމެއް ލުމަކީ މުވައްޒަފުންގެ ވާޖިބާއި މަސްއޫލިއްޔަތު ހަނދާންކޮށްދޭނެ ކަމެއް ކަމަށާއި، އެއީ ގުޅިގެން މަސައްކަތް ކުރުމަށް ހިތްވަރު ލިބިދޭނެ ކަމެއް ކަމަށެވެ.
މަރަދޫ ޞިއްޙީ މަރުކަޒަށް 18 އަހަރު ފުރުން މިއަދު ފާހަގަކޮށްފައިވާއިރު، އެ މަރުކަޒުގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ވަނީ މިހާރު ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ބަލި ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ފަސްކޮށްފަ އެވެ.