English Edition
Dhivehi Edition

ކޮވިޑް 19 އާއި ގުޅިގެން އެތެރޭގެ ދަތުރުތައް މަދުކޮށްފައި ވިޔަސް މިހާރު ޑިމާންޑު ބޮޑުވެފައިވާތީ ދަތުރުތައް އިތުރުކުރާނެ ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، ކޮރޯނާ ވައިރަހާއި ގުޅިގެން ރިސޯޓުތަކުގައި ތިބި މީހުންނާއި އަދި ކަރަންޓީނަށް ގެންދިޔަ މީހުން ދޫކުރަމުން ދާތީ ދަތުރު ތަކުގެޑިމާންޑު ބޮޑުވެފައިވާ ކަމަށެވެ.

“ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތަކާ ހެދި ދަތުރުފަތުރު މަދުވުމުން އައްޑު އާއި ފުވައްމުލަކަށް މޯލްޑިވިއަންގެ ދަތުރުތައް މަދުކޮށްފައި ވިޔަސް މިހާރު ޑިމާންޑު ބޮޑުވެފައިވާތީ ދަތުރުތައް އިތުރުކުރާގޮތަށް މިހާރު އޮތީ” މޫސާ ވަސީމް ވިދާޅުވިއެވެ.

މޫސާ ވަސީމް ވިދާޅުވީ، ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ކަރަންޓީނަށް ގެންދިޔަ ބައެއް މީހުން ދޫކޮށްލާފައި ވާތީ ރަށްރަށަށް ދާން ބޭނުންވެފައި ތިބި ގިނަ ބަޔަކު ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދަތުރުތައް ކުރުމަށް ގިނަ ރިކުއެސްޓްތަކެއް މިހާރު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން އައްޑު އާއި ފުވައްމުލަކަށް ކުރާ ޝެޑިއުލް ދަތުރުތައް އިތުރުކުރާނެކަމަށާއި ޝެޑިއުލް ތަންދޭ މިންވަރަކުން ހުރިހާ ސަރަހައްދުތަކަށް ވެސް ދަތުރުތައް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މޯލްޑިވިއަނުން ގެންދަނީ ރާއްޖެއިން ބޭރުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ވެސް އިތުރު ދަތުރުތައް ޝެޑިއުލް ކުރަމުންނެވެ.