English Edition
Dhivehi Edition

ކޮރޯނާވައިރަސް (ކޮވިޑް-19) ޖެހިގެން އިޓަލީ އިން އެވްރެޖްކޮށް 24 ގަޑިއިރުގެ ތެރޭގައި މަރުވާ މީހުންގެ އަދަދު އިއްޔެ ވަރަށް ބޮޑަށް ދަށަށް ހިނގައްޖެއެވެ.

އިޓަލީގެ ސިވިލްޕްރޮޓެކްޝަން މިނިސްޓްރީން ބުނީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެ ގައުމުން މަރުވެފައި ވަނީ 525 މީހުން ކަމަށެވެ. މިއީ ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި އެންމެ މަދުން މީހުން މަރުވި ދުވަހެވެ. އެހެންނަމަވެސް، މި ބަލީގައި އެ ގައުމުން މިހާތަނަށް 15,877 މީހުން ވަނީ މަރުވެފައެވެ.

މީގެއިތުރުން، އެ ގައުމުގައި އިއްޔެ މި ބަލީގައި ހާލުބޮޑުވެގެން އައިސީޔޫގައި ފަރުވާ ދޭން ޖެހުނު މީހުންގެ ޢަދަދުވެސް ވަނީ މަދުވެފައެވެ.

އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 2,972 މީހުން ޕޮޒިޓިވްވެފައިވާއިރު، މިއީ އޭގެ ކުރީ ދުވަސް ތަކާއި އަޅާ ބަލާއިރު ދަށް އަދަދެކެވެ. މިއާއެކު މިވަގުތު އެ ގައުމުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު ވަނީ 91,246 އަރާފައެވެ.

ވޭތުވެދިޔަ ހަތަރު ހަފްތާ ލޮކްޑައުންގައި އޮތް އިޓަލީ އިން މިހާތަނަށް ގާތްގަނޑަކަށް 21,815 މީހުން މި ރޯގާއިން ރަނގަޅުވެފައިވީނަމަވެސް، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 130,000 އާ ގާތަށް ޖެހިލައިފައެވެ.