English Edition
Dhivehi Edition
މޯލްޑިވިއަންގެ މަތިންދާ ބޯޓެއް - ފޮޓޯ: މޯލްޑިވިއަން

ކޮވިޑް-19 އާއި ގުޅިގެން އަވަށްޓެރި ސްރީ ލަންކާ އާއި އިންޑިއާގައި ތާށިވެފައި ތިބި ދިވެހިންނަށް ޚާއްސަ ފްލައިޓެއް ބާއްވަން ރާއްޖޭގެ ޤައުމީ އެއާލައިން، މޯލްޑިވިއަން އިން ނިންމައިފި އެވެ.

މޯލްޑިވިއަން އިން ބުނީ ކޮލޮމްބޯ އާއި ކޮޗިނުން އެ އެއާލައިންގެ ޚާއްސަ ތިން ފްލައިޓެއް އަންނަ ހަފްތާގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އޭޕްރީލް 05 ވާ އާދިއްތަ ދުވަހުގެ މާލެ އާއި ކޮލޮމްބޯ އާއި ދެމެދު މޯލްޑިވިއަންގެ ދެ ފްލައިޓެއް ބާއްވަން ނިންމާފައިވާއިރު، އޭޕްރީލް 06 ވަނަ ދުވަހު އިންޑިއާގެ ކޮޗިނުންވެސް މޯލްޑިވިއަންގެ ފްލައިޓެއް ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަން އިން ބުނީ އެ ފްލައިޓްތަކުން ދަތުރުކުރަން ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ ޕާސްޕޯޓް ކޮޕީތަކާއި، ނަމާއި ގުޅޭނެ ތަފްސީލްތަކާއެކު އެ އެއާލައިންގެ ވައިބަރ އަށް މެސެޖު ކުރުމަށް އެދޭ ކަމަށެވެ. އަދި އެކަމަށް އެދި ގިނަ އަދަދެއްގެ މީހުން މެސެޖުކުރާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކަށް ޖަވާބު ދިނުމުގައި ލަސްތަކެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެ އެއާލައިނުން ވަނީ ބުނެފަ އެވެ.

މޯލްޑިވިއަން އިން ވަނީ އެ އާލައިންގެ ވައިބަރ އެކައުންޓްގެ ކިޔުއާރު ކޯޑްވެސް ޙިއްސާކޮށްފަ އެވެ.

ލަންކާގައި ތިބި ދިވެހި އާއިލާތަކަށް އެހީވުމަށްޓަކައި މޯލްޑިވިއަންގެ ޗާޓަރު ފްލައިޓުން ތަކެތި ފޮނުވޭނެ އިންތިޒާމް ސަރުކާރުން ވަނީ ފަހިކޮށްދީފަ އެވެ. އާދިއްތަ ދުވަހު ފުރާ ފްލައިޓަށް ކޮންމެ ހޮނިހިރު ދުވަހެއްގައި އާއިލާއަށް ތަކެތި ފޮނުވަން ބަލައިގަންނާނެއެވެ.

ސްރީ ލަންކާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށް އެހީވުމުގެ ގޮތުން މޯލްޑިވިއަންގެ ޗާޓަރު ފްލައިޓްގައި ތަކެތި ފޮނުވޭނެ އިންތިޒާމްވެސް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން އާދިއްތަ ދުވަހު ފުރާ ފްލައިޓަށް ކޮންމެ ހޮނިހިރު ދުވަހަކު ޢާއިލާއަށް ތަކެތި ފޮނުވުމަށް ހަވާލުކުރެވޭނެ އެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އަދިވެސް ކޮންޓްރޯލް ނުކުރެވި ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިންވެސް މިހާތަނަށް 19 މީހުން ޕޮޒިޓިވްވެފައިވާއިރު، އޭގެ ތެރެއިން 13 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން ޖުމްލަ 833 މީހުން ކަރަންޓީނުކޮށްފައިވާއިރު، އައިސޮލޭޝަން ފެސިލިޓީތަކުގައި 12 މީހުން އެބަތިއްބެވެ.