English Edition
Dhivehi Edition

ސްކޫލްތަކުގެ ބަންދުގެ މުއްދަތު އަނެއްކާވެސް އެއް ހަފްތާއަށް އިތުރުކޮށްފިއެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިއަދު ނެރރެފައިވާ މި އެންގުމުގައި ވާގޮތުން، މާދަމައިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް ރާއްޖޭގައި ތަޢުލީމުދޭ ތަންތަން ވަގުތީގޮތުން މެދުކަނޑާލުމަށް ވަނީ ނިންމާފައެވެ.

މިމުއްދަތުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސްކޫލް އަދި ތައުލީމީ މަރުކަޒުތަކުގައި ކިޔަވައިދިނުން މަނާވާނެ ކަމަށާއި، ކޮލެޖު، ޔުނިވަރސިޓީ އަދި ތަމްރީންދޭ މަރުކަޒުތަކުގައި ކިޔަވައިދިނުން މަނާވާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ އިތުރަށް ގެތަކުގައި އަދި އެނޫންވެސް ގޮތްގޮތަށް ހިންގަމުންދާ ޓިޔުޝަން ކްލާސްތަކާއި ގުރްއާން ކްލާސްތައް ހިންގުން މަނާވާނެކަމަށްވެސް ވަނީ ބުނެފައެވެ.

އެޗްޕީއޭއިން މިކަމާއި ގުޅިގެން ނެރުނު އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މިގޮތަށް ޢަމަލުކުރަން ނިންމާފައިވަނީ، ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ތައުލީމް ފޯރުކޮށްދޭ ތަންތަން އެންމެ ފުރަތަމަ ބަންދުކުރުމަށް ނިންމައި އެކަން އަންގާފައިވަނީ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން ސްކޫލްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެންގި، މިއީ ހަތަރުވަނަ ފަހަރެވެ.