English Edition
Dhivehi Edition

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެ ހާލު ބޮޑުވުމުން ވެންޓިލޭޓަރ ގައި ފަރުވާ ދެމުން ގެންދިޔަ އިނގިރޭސިވިލާތުގެ ޒުވާން ދެ ނަރުހަކު މަރުވެއްޖެއެވެ.

އުމުރުން 36އަހަރުގެ އަރީމާ ނަސްރީނާއި 39 އަހަރުގެ އައިމީ މަރުވެފައިވަނީ މިމަހުގެ 2 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ޑެއިލީމެއިލްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މިިދެ ނަރުހުންނަކީ އިނގިރޭސި ވިލާތުގެ އަވަށެއް ކަމަށްވާ “މާގޭޓް ކެންޓް” ގައި ހުންނަ ހޮސްޕިޓަލެއް ކަމަށްވާ ކިޔު،އީ.އެމް ހޮސްޕިޓަލްގެ ފޮރޮންޓްގައި މަސައްކަތް ކުރަމުން އައި ދެ ނަރުހުންނެވެ. މި ދެނަރުހުން މަރުވި އިރު ދެމީހުންގެ ވެސް 3 ދަރިންނާއި ފިރިއަކު ދުނިޔޭގައި އެބަތިއްބެވެ.

އަރީމާ އަކީ މީގެ ސޯޅަ އަހަރުކުރިން އެ ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފެށި ނަރުހެކެވެ. އަރީމާ އަށް ކޮވިޑް19 ޖެހިފައިވާކަން އެނގުނީ ހުސްވެދިޔަ މާރިޗް މަހުފަހުކޮޅުގައެވެ. އަރީމާގެ އާއިލާ އާއި ހަވާލާދީ ޑެއިލީ މެއިލްގައި ބުނެފައިވަނީ މާރިޗް މަހު ފަހުކޮޅު އޭނަ ވަރަށް ގަދައަށް ހުންއައިސް ގައިގައި ރިއްސާ ކެއްސަން ފެށުމުން ކުރިޓެސްޓުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ގެންދަނިކޮށް ކުއްލިއަކަށް ހާލުބޮޑުވެ ވެންޓިލޭޓަރ ގެ އެހީގައި ފަރުވާދެމުން ގެންދަނިކޮށް މަރުވީ ރޭގެ ވަގުތެއްގައި ކަމަށެވެ.

އަރީމާ މަރުވުމުން އޭނައާއި އެކު އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ގާތް އެކުވެރިޔާ ރޫބީ ބުނެފައިވަނީ އަރީމާ އަކީ ޒުވާނެއް ކަމަށާއި ނަމަވެސް މިބަލީގައި ފުރާނައާއި ހަނގުރާމަ ކުރަމުން ދަނިކޮށް މަރުވެގެން އެދިޔައީ އޭނަގެ އެންމެ ގާތް އެކުުވެރިޔާ ކަމަށާއި އަދި 3 ކުދިންގެ މަންމައެއްކަމަށެވެ. “މި ބައްޔަކީ ހަމަ އެކަނި މުސްކުޅިންނަށް ނުރައްކާ ބައްޔެއް ނޫންކަން މި އަދު ހާމަ ވެގެން އެދިޔައީ ސިއްޙަތު ސަމާލަތުން ހުރި ޒުވާނަކު މަރުވުމުން. މިއަދު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަދި އަހަރެން ނަރުހަކަށް ހަދައިދިން އެކުވެރިޔާ އެދިޔައީ ދުނިޔެދޫކޮށް. މިއީ ވަރަށް ނުރައްކާތެރި ބައްޔެއް. އެއްވެސް މީހަކު މިބައްޔަކީ އާދައިގެ ބައްޔަކަށް ނަހަދާ. ގޭގައި މިވަގުތު މަޑުކޮށްގެން ތިބޭ. އަހަރެން އެދެނީ އެކުވެރިޔާ އަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލިބުން” ރޫބީ ބުންޏެވެ.

އިނގިރޭސި ވިލާތުގައި ކޮވިޑް19 އަށް މިހާތަނަށް 38،168 މީހުން ޕޮޒިޓިވް ވެފައިވާއިރު 3605 މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. މިއަދު ހަމަ އެކަނި 684 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވެއެވެ.