English Edition
Dhivehi Edition

ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުރީގެ ގޯލްކީޕަރު ރުސްޓޫ ރެކްބާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ ހާލު ސީރިއަސްވުމުގެ ސަބަބުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

އުމުރުން 46 އަހަރުގެ ރުސްޓޫގެ އަންހެނުން އައިސިލް ރެކްބާ ބުނީ ކުއްލިއަކަށް ރުސްޓޫގެ ހާލަތު ގޯސްވުމުން ވަރަށް ބޮޑަށް ކަންބޮޑުވެ، ސިހުން ލިބުނުކަމަށާއި އެއްވެސް ބައްޔަކަށް ބޭސްކުރަމުން ނުދާ މީހަކު އެހާ ބޮޑަށް ހާލު ސީރިއަސްވާނެ ކަމަށް ކުރިން ހީ ނުކުރާ ކަމަށެވެ.

Advt

Advertisement

މި ރޯގާގެ ނުރައްކާ މި ވަގުތު ޔޫރަޕަށް ބޮޑުވެފައިވާއިރު، ތުރުކީގައި ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން، ރުސްޓޫ ޕޮޒިޓިވްވިއިރު އޭނާގެ އަންހެނުން އައިސިލް އާއި ދެ ދަރިން ވަނީ ކޮވިޑް-19 އަށް ހެދި ޓެސްޓުތައް ނެގެޓިވްވެފައެވެ.

ބާސެލޯނާ އަށް ވެސް ކުރިން ކުޅެފައިވާ ރުސްޓޫ ވަނީ ތުރުކީއާއެކު 2002 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތިންވަނަ މަގާމު ހޯދާފައެވެ. މީގެއިތުރުން، އޭނާ ވަނީ 2012 ވަނަ އަހަރު ބެސިކްޓާސްއާއެކު ފުޓްބޯޅަ ކެރިއަރު ނިންމާލިއިރު ގައުމީ ޓީމަށް 120 މެޗު ހަމަކޮށްފައެވެ.

ރުސްޓޫގެ ހާލުބޮޑުވެ، ހޮސްޕިޓަލުގައި އެޑްމިޓްކުރުމާއިގުޅިގެން އޭނާ ކުރީން ކުޅުނު ކުލަބުތައް ކަމަށްވާ ބާސެލޯނާ އަދި ފެނަބާޗޭ އިން ވަނީ ޓުވިޓާ މެދުވެރިކޮށް ހެޔޮ އެދުމާއި، އަވަސް ޝިފާއަކަށް އެދޭކަމަށް ބުނެ މެސެޖް ފޮނުވާފައެވެ.

މިހާރު މުޅި ދުނިޔޭގެ 7 ލައްކަ އަށްވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، ތުރުކީން ވަނީ ގާތްގަނޑަކަށް 9,217 މީހުންނަށް މި ރޯގާ ޖެހިފައެވެ. އަދި މި ބަލީގައި އެ ގައުމުން ވަނީ 131 މީހުން މަރުވެފައެވެ.