English Edition
Dhivehi Edition
އިޓަލީގެ ރިމިނީގެ ޢިމާރާތެއް/

101 އަހަރުގެ އިޓަލީ މީހަކު ކޮރޯނާ ވައިރަހުން ރަނގަޅުވެ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

މިސްޓަރ ޕީ ގެ ނަމުން މަޝްހޫރު މިމީހާ ކޮވިޓް 19 އަށް ޕޮޒިޓިވް ވުމާގުޅިގެން އިޓަލީގެ ރިމިނީ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ފަރުވާއަށްފަހު ބަލިން މުޅިން ފަސޭހަވެގެން އަންގާރަ ދުވަހު އޭނާ ވަނީ ގެއަށް ފޮނުވާލާފައެވެ.

މިކަމާގުޅިގެން ރިމިނީގެ މޭޔަރ ގްލޯރިއާ ލިސީ ވިދާޅުވީ މިސްޓަރ ޕީގެ މި އާދަޔާއި ޚިލާފު ރަނގަޅު ވުމާއެކު މުސްތަޤްބަލަށް އޮތް އުއްމީދު ބޮޑު ވެގެން ހިނގައްޖެ ކަމަށެވެ.

” މިސްޓަރ ޕީ އެވަނީ ކާމިޔާބް ޙާސިލް ކޮށްފައި.އަންގާރަ ދުވަހު ހަވީރު ޢާއިލާއިން ވަނީ އޭނާ ގެއަށް ގެންގޮސްފައި. 101 އަހަރުގައިވެސް އަދި މުސްތަޤްބަލެއް އެބައޮތްކަން އޭނާ އަހަރެމެންނަށް ދައްކައިދީފި.” މޭޔަރ ވިދާޅުވިއެވެ.

މިސްޓަރ ޕީ އުފަންވީ 1919ގައި ސްޕޭންއިން ފެނުން ބޮޑު ރޯގާގެ ދުވަސްވަރުއެވެ. އޭނާވަނީ އެވައިރަހަށްވެސް ޕޮޒިޓިވް ވެ ބަލިން އެއްކޮށް ގަދަވެފައެވެ. އޭރު ސްޕެނިޝް ފްލޫ ޖެހިގެން ދުނިޔޭގެ 50 މިލިއަން މީހުން މަރުވެފައިވެއެވެ.

ބުރާސްފަތި ދުވަހާއި ހަމަޔަށް މިސްޓަރ ޕީ ގެ އުފަން ރަށް ކަމަށްވާ އިޓަލީގެ ރިމިނީގައި 1189 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ޗައިނާގެ ވޫހާން އިން ފެނުނު ކޮވިޑް 19 މިހާތަނަށް 197 ޤައުމަށް ފެތުރި ދުނިޔޭގެ 5،97،458 މީހުންނަށް ބަލި ފައިވެއެވެ. މިބަލީގައި 27،370 މީހުން ވަނީ މަރުވެފައެވެ. މިހާތަނަށް 9134 މީހުން އިޓަލީގައި ކޮވިޑް 19 ޖެހިގެން މަރުވެފައިވެއެވެ. އިޓަލީ ވެފައިވަނީ އެންމެ ގިނަ މީހުން ކޮވިޑް 19 ޖެހިގެން މަރުވި ޤައުމުގެ ގޮތުގައެވެ.