English Edition
Dhivehi Edition
ބަލިމީހަކު ގޮނޑިއެއްގައި ގެންދަނީ/ފޮޓޯ އިންޓަނެޓް

އިއްޔެ އަކީ އެމެރިކާއަށް އާދައިގެ ދުވަހެއް ނޫނެވެ. ޑޮކްޓަރުންނާއި ނަރުހުން އެދި ގޮވަމުން ދިޔައީ ރާޅުބާނިތަކެއްހެން ޖަމާވަމުން ދިޔަ ކޮވިޑް 19 ގެ ބަލިމީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވަޞީލަތް އިތުރު ކޮށްދިނުމަށެވެ.

އެއްލައްކަ ހަތަރުހާސް އެއްސަތޭކަ ސައްބީސް މީހުން މިބައްޔަށް ޕޮޒިޓިވްވެގެން ފަރުވާ ދެމުން އަންނައިރު ޙާލަތު ގޯސްވެގެން އިއްޔެ އެކަނި މަރުވި މީހުންގެ ޢަދަދު މިވަނީ 1695އަށް އަރާފައެވެ.

ޑޮކްޓަރުން ދަނީ ބަލިމީހުން ނޭވާ ހިންގަން ބޭނުންވާ މެޝިންތަކާއި ވެންޓިލޭޓަރ ތައް އިތުރުކުރުމަށް ގޮވާލަމުންނެވެ.

މިވައިރަސް ބޮޑަށް ފެތުރިފައިވާ ނިއުޔޯކްސިޓީ ފަދަ ތަންތަނުގެ ސިއްޙީ އިދާރާތަކުން ދަނީ ބޭހާއި ސޭފްޓީ އާލާތްތަކާއި ތަމްރީން ލިބިފައިވާ ސްޓާފުންގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާ ކަން ހާމަ ކުރަމުންނެވެ.

މިދިޔަ އަންގާރަ ދުވަހުންފެށިގެން ފުރަތަމަ މިބަލި ބޮޑަށް ފެތުރިގެން އައި ޗައިނާއާއި އިޓަލީވެސް ވައްޓާލުމަށްފަހު އެމެރިކާ ވެގެންގޮސްފައިވަނީ ކޮވިޑް 19 ގެ އެންމެ ގިނަ ބަލިމީހުން ފެނިފައިވާ ޤައުމުގެ ގޮތުގައެވެ.

” އަހަރެމެން ބިރުގަނޭ. އަހަރެމެން މިދަނީ މަރާއި ހަނގުރާމަ ކުރަމުންދާ އެތައް ބައެއްގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުން. މިދަނޑިވަޅު އަހަރެމެންގެ ފުރާނައާއިމެދު އަމުދުން އެއްވެސް އުއްމީދެއްނެތް. ސަބަބަކީ އެންމެ ގާތުން މަސައްކަތް ކުރަން މިތާ ތިބެން ޖެހޭތީ.” ބްރޫކްޑޭލް ޔުނިވަސިޓީ ހޮސްޕިޓަލްގެ ޑޮކްޓަރ އެރޭބިއާ މޮލެޓް ބުނެފައިވެއެވެ.

ކޮވިޑް 19 ގައި ފުރާނަތައް ފަނާވަމުންދާ ޤައުމުތަކުގެ ލިސްޓުގެ އެންމެ މަތީގައި އެމެރިކާ ވެސް އޮތް އިރު ހުކުރު ދުވަހު ވަނީ 1965 މީހުން މަރުވެ އަލަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދު 18691 އަށް އަރާފައެވެ. އިއްޔެ އެކަނި 400 އަށް ވުރެ ގިނަ މީހުން އެޤައުމުގައި މަރުވެފައި ވެއެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް އެއްދުވަހެއްގައި މިހާ ބޮޑު ޢަދަދެއް މަރުވި ފުރަތަމަ ފަހަރެވެ.

ކޮވިޑް 19 ޖެހިގެން މުޅި ދުނިޔޭގައި މިހާ ތަނަށް 5،96350 މީހުން އެބަތިއްބެވެ. މިބަލީގައި މަރުވެފައިވަނީ 27،343 މީހުންނެވެ. ބަލީގައި ރަނގަޅުވެފައިވާ މީހުންގެ ޢަދަދަކީ 13،3057އެވެ.