English Edition
Dhivehi Edition

ޖައްވު ނުސާފުވުމަށް މެދުވެރިވާ ވިހަ ގޭހެއް ކަމަށްވާ ނައިޓްރިޖަން ޑައި އޮކްސައިޑް ޖައްވުގައި ހިމެނޭ މިންވަރު 40 އިން ސައްތަ ކުޑަވެއްޖެ ކަމަށް ޔޫރަޕިއަން ސްޕޭސް އޭޖެންސީ އީއެސްއޭ އިން ނެގި ސެޓެލައިޓް ފޮޓޯތަކުން ދައްކައިފިއެވެ.

ކޮޕަނިކަސް ސެންޓިނަލް މިޝަން 5ޕީ ސެޓެލައިޓް މިޝަން އިން ހުކުރު ދުވަހު ޢާއްމުކުރި 3 ފޮޓޯއިން ވަނީ މާރޗް 14 އިން 25 އަށް ފަރަންސޭސިވިލާތް،ސްޕެއިން،އަދި އިޓަލީގައި ނައިޓްރިޖަން ޑައިއޮކްސައިޑް ހުރި މިންވަރު 2019ގެ ދުވަސްތަކާއި އަޅާ ބަލާއިރު ވަރަށް ބޮޑުތަން ދަށްވެފައިވާ ކަން ފާހަގަ ވެފައެވެ.

މޫސުމާއި ބެހޭ ދިރާސާތައް ކުރާ ފަރާތްތަކުން ދަނީ ކޮވިޑް 19 އާއި ގުޅިގެން ޞިނާޢީ މަސައްކަތް ތަކާއި ޓްރާންސްޕޯޓް ހުއްޓުމަކަށް އައިސްފައިވާ މިދަނޑިވަޅުގައި މިކަމުން ތިމާވެއްޓަށް އަންނަ ބަދަލު ތަކާއި ސިއްޙަތަށް ކުރާ އަސަރުތައް ދެނެގަތުމަށް މަސައްކަތް ކުރަމުންނެވެ.

ޕަވަރސްޓޭޝަން ތަކާއި ކާރުޚާނާތަކާއި ވެހިކަލް ތަކުން ބޭރުވާ ނުރައްކާތެރި ނައިޓްރިޖަން އޮކްސައިޑަކީ ނޭވާލާ ނިޒާމާއި ހިތުގެ ބަލިފަދަ ބޮޑެތި ބަލި ޖެހުމަށް މަގުފަހި ވާ މާއްދާއެއް ކަމަށް ބެލެވިފައި ވެއެވެ. ޔޫރަޕިއަން އެންވައިރޮމަންޓް އޭޖެންސީގެ 2019 ވަނަ އަހަރު ރިޕޯޓް ކޮށްފައިވާ ގޮތުން ޔޫރަޕްގެ ޤައުމުތަކުގައި ދިރިއުޅޭ މީހުންނަށްވަނީ ޖައްވު ނުސާފުވުމުގެ ސަބަބުން ސިއްޙީ ނުރައްކަލެއްގެ މަތީ ދިރިއުޅެން މަޖްބޫރު ވެފައެވެ.

ލޮލަށް ނުފެންނަހާ ކުޑަ ސޫތްޕެއްގެ ނުރައްކާ ގައި ދުނިޔެ އޮތް މި ދަނޑިވަޅު ވިހަގޭހުން ސަލާމަތްވުން ވެގެންދާނީ ހަމަގައިމުވެސް ކޮވިޑް19 އިން ލިބުނު ކުޑަ ނަމަވެސް ފައިދާއަކަށްކަމާމެދު ދެބަސްވެވޭކަށްނެތެވެ.