English Edition
Dhivehi Edition

އަންހެނުންނަކީ ވިސްނުންތޫނު ބައެއްކަމަށް ފަހުގެ ދިރާސާއަކުންް ދައްކައިފިއެވެ. އެގޮތުން ކަންކަމަށް ސަމާލުކަން ދިނުމާއި، އަނެކާގެ އިޙްސާސްތައް ދަނެގަތުމުގައި އަންހެނުން އުޅެނީ ކުރީގައިކަމަށް ދެނެގަނެވިފައިވެއެވެ.

މިކަން ދެނެގަތުމަށްޓަކައި ވޮޝިންޓަންގައި 46034 މީހުން ބޭނުންކޮށްގެން ދާދފަހުން ދިރާސާއެއް ހެދިފައިވެއެވެ. އެގޮތުން މި ދިރާސާގައި އަންހެނުންނާއި ފިރިހެނުން ހިމަނާފައިވެއެވެ. މިދިރާސާގެ އިސް އޮފިޝަލެއްކަމަށްވާ ޑެނިލް ޖީ އެމެން ބުނެފައިވަނީ، މިއީ ‘ޖެންޑަރ ބޭސްޑް ބްރެއިން’ ގެ ތަފާތު ދެނެގަތުމަށް ހެދުނު ވަރަށް މުހިއްމު ކަމެއްކަމަށެވެ. އަދި މިދިރާސާއިން ލިބުނު މަޢުލޫމާތުގެ އަލީގައި ދެޖިންސުގެ ހަމަހަމަކަމަށް ހުރި ހިރާސްތައް ނައްތާލެވިދާނެކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

ދިރާސާ ކުރިއަށް ދިޔައިރު 119 ސިއްޙީ ދަރުމަވެރިން ހަރަކާތްތެރިވެފައިވެއެވެ. އަދި އެކި ކަހަލަ ސިކުނޑީގެ ބަލި ހުންނަ 26683 މީހުންވެސް ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި ބްރެއިން ޓްރޯމަރ އާއި ބައިޕޯލާ ޑިސްއޯޑަރ އާއި މޫޑް ޑިސްއޯޑަރ ފަދަ ބަލިތައް ހުންނަ މީހުން ވެސް ބައިވެރިވެފައިވެއެވެ. އަދި އެއެންމެންގެ ސިކުނޑީގެ 128 ދިމާލަކުން މަޢުލޫމާތު ނެގިފައިވެއެވެ.

މިދިރާސާ ކުރިއަށް ދިޔައިރު ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންގެ ސިކުނޑީގެ މަސައްކަތް އަވަސްކަން ފާހަގަ ކުރެވިފައިވެއެވެ. އެހެންނަމަވެސް ކަންކަން ތަސައްވަރު ކުރުމާއި، ކަންކަން ހަމަޖެއްސުމުގައި ފިރިހެނުން ކުރީގައި އުޅެއެވެ.

މި ދިރާސާތަކަށްފަހު ނެރުނު ރިޕޯޓްތަކުން އެނގުނު ގޮތުގައި އަންހެނުންނަކީ ޑިޕްރެޝަން ފަދަ ބަލިތަކަށް ދިޔުމުގެ ފުރުޞަތު ބޮޑަށް އޮންނަ ބައެއްކަން އެނގިފައި ވެއެވެ. އަދި އަންހެނުންނާއި ހިލާފަށް ފިރިހެނުންނަކީ ކަންކަމަށް އަހައްމިޔަތު ދީގެން ކަންކަން ކުރުމަށް ފަރުވާކުޑަ ބައެއްކަންވެސް އެނގިފައިވެއެވެ. މީގެ އިތުރުން ފިރިހެނުންނަށް ވުރެ ބޮޑަށް ހަމްދަރުދީ ވުމާއި، މީހުންގެ އިޙްސާސްތައް ދެނެގަތުމާއި، އަމިއްލަ ނަފްސަށް ބާރުފޯރުވުމުގައި އަންހެނުން ކުރި ހޯދައިފައިވާކަން ވެސް އެނގިފައިވެއެވެ.

އަންހެނުންނާއި ފިރިހެނުންގެ ތަފާތު ދެނެގަތުމަށް މީގެ ކުރިންވެސް އެކި އެކި ދިރާސާތައް ހެދިފައިވާއިރު، ގިނަ ދިރާސާތަށް ވަނީ ކާމިޔާބު ވެފައެވެ. އަދި ފަހަކަށް އައިސް ހެދޭ ގިނަ މިފަދަ ދިރާސާތަކުން ފިރިހެނުންގެ ޤާބިލުކަމަށްވުރެ އަންހެނުންގެ ވިސްނުން ރަނގަޅުކަމަށް ފާހަގަ ކުރެވިފައިވެއެވެ.