English Edition
Dhivehi Edition

އައްޑޫސިޓީކައުންސިލުން އައްޑޫސިޓީގެ ފިހާރަތަކާއި ކެފޭ/ ރެސްޓޯރެންޓްތައް ވަކި ގަޑިތަކެއްގައި ހުޅުވުމަށް ނެރުނު އިއުލާން ބާތިލް ކޮށްފިއެވެ.

މިކަމާ ގުޅޭ ގޮތުން ކައުންސިލުން މިއަދު އާންމު ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 އާއި ގުޅިގެން އައްޑޫސިޓީގެ ރައްޔިތުން މިބަލިން ރައްކާތެރިކޮށް، ބަލި އައްޑޫސިޓީއަށް ފެތުރުމުގެ ފުރުޞަތު ކުޑަކުރުމަށް އައްޑޫސިޓީ ކައުންސިލާއި ކަމާބެހޭ ހުރިހާ މުވައްސަސާތަކުން މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ. އެގޮތުން ކައުންސިލްގެ ނަންބަރު (IUL)426-CA/426/2020/134 (25 މާރިޗު 2020) ‘އާންމު ޚިދުމަތްދޭ ތަންތަނުންޚިދުމަތްދޭނެ ގަޑިތައް ކަނޑައެޅުމާ ގުޅޭ’ ޢިއުލާން ކޮށްފައިވަނީ އެޗް.ޕީ.އޭ އިން އެކުލަވާލާފައިވާ އައްޑޫސިޓީގެ ކޮވިޑް 19 ޓާސްކް ފޯސް އިން ނިންމެވި ނިންމެވުންތައް ތަންފީޒުކުރުމަށެވެ.

“އިސްވެ ދެންނެވި އިޢުލާނާއި ގުޅިގެން އައްޑޫސިޓީގެ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން އެކަމަށް އިޖާބަދެއްވައި އެގޮތުގެ މަތިން ޢަމަލުކުރައްވާފައިވާތީ ކައުންސިލްގެ ނަމުގައި ޝުކުރު ދަންނަވަމެވެ. ނަމަވެސް ގްރޭޓަރ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި މިފަދަ ފިޔަވަޅެއް އަޅާނެފަދަ ޙާލަތެއް އޮތްކަމަށް އެޗް.ޕީ.އޭއިން ނުދެކޭތީ އައްޑޫސިޓީ ކައުންސިލްގެ (IUL)426-CA/426/2020/134 (25 މާރިޗު 2020) ނަންބަރު އިޢުލާން ބާޠިލުކުރީމެވެ.” ކައުންސިލްގެ އިއުލާނުގައި ބުނެފައިވެއެވެ.

ކައުންސިލުން އިތުރަށް ބުނެފައިވަނީ ދިވެހިރާއްޖޭގައި އިޢުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އާންމު ޙާލަތަށް ރުޖޫޢަ ވަންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޞިއްޙީ ޚިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި ޢާންމު ޚިދުމަތްދޭ ތަންތަނުން (ފިހާރަތަކާއި އަދި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން) ޚިދުމަތް ދިނުމުގައި ހެނދުނު 06:00 އިން 18:00 އާއި ދެމެދު ޚިދުމަތް ދިނުމަށް އިސްކަން ދިނުމަކީ ކައުންސިލްގެ އިލްތިމާސެއް ކަަމަށެވެ. އަދި ރައްޔިތުން ދުވާލުގެވަގުތުގައި ވިޔަފާރިކޮށް ނިންމުމަކީވެސް ކައުންސިލްގެ އިލްތިމާސެއް ކަމަށް އެފަރާތުން ބުނެއެވެ.