English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ބޮޑު ވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ 55 އަަހަރުގެ ޖޯންސަންގެ ކިބައިން ފެނިފައި ވަނީ ކޮރޯނާވައިރަހުގެ ވަރަށް އާދައިގެ އަލާމާތްތަކެއް ކަމަށެވެ. ނަމަވެސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ޖޯންސަން މިހާރު ހުންނެވީ އެހެން މީހުންނާ އެކަހެރިވެވަޑައިގެން ކަމަށް ވެސް ބުނެފައިވެ އެވެ. ބޮޑު ވަޒީރު ޖޯންސަން އަށް ކޮވިޑް-19 ޖެހުނު ނަމަވެސް ސަރުކާރުގެ ހިންގެވުމުގެ އެންމެހައި ކަންކަމުގައި އެންމެ އިސް މަސްއޫލިއްޔަތު އަދާކުރައްވަނީ އެމަނިކުފާނު ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ބޯރިސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު އޭނާ ވަނީ ހޯމަ ދުވަހު އެކަހެރިވެ އިންނަވާ އިނގިރޭސިވިލާތު ރައްޔިތުންނަށް ހިތާބެއް ދެއްވައިފައެވެ. އެމަނިކުފާނުގެ ހިތާބުގައި ވިދާޅުވީ އިނގިރޭސިވިލާތުގައި ދިރިއުޅޭ އާންމުން ޒަރޫރީ ބޭނުންތަކަށް ފިޔަވާ ގެއިން ބޭރަށް ނުނިކުތުމަށް އިލްތިމާސްކުރާކަމަށެވެ.

އިނގިރޭސި ވަލީ އަހުދު ޕްރިންސް ޗާލްސް ވެސް ވަނީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފަ އެވެ.

އިނގިރޭސިވިލާތުގައި ކޮވިޑް-19 އަށް މިހާތަނަށް 11،658 މީހުން ޕޮޒިޓިވްވެފައިވާއިރު 578 މީހުން ވަނީ މިބަލީގައި އެގައުމުން މަރުވެފައެވެ.