English Edition
Dhivehi Edition

އެންމެ 3 ޑޮލަރަށް ގަނެވޭ ކޮވިޑް 19 ޓެސްޓް ކިޓެއް ބަންގްލަދޭޝްއިން ބާޒާރަށް ނެރެފިއެވެ. މިޓެސްޓް ކިޓް ޚާއްސަވާ ސަބަބުތަކުގެ ތެރޭގައި އަގުހެޔޮ ވުމުގެ އިތުރުން 15 މިނިޓްގެ ތެރޭ ޓެސްޓުގެ ނަތީޖާ ލިބިގެންދިއުން ހިމެނެއެވެ.

ސައުތު އޭޝިއަން ނޭޝަންސް ފާމަސިއުޓިކަލް ރެގިއުލޭޓަރ ޑްރަގް އެޑްމިނިސްޓްރޭޝަން ޑީޖީޑީއޭ އިންވަނީ މިކިޓްގެ ސަބަބުން ކޮވިޑް 19 އަށް ޓެސްޓު ކުރުމުގައި ދިމާވާ ކިޓް ނުލިބުމުގެ ދަތިތަކަށް ޙައްލު ލިބިގެންދާނެ ކަމަށް ބުނެފައެވެ.

ޓެސްޓް ކިޓް އުފެއްދި ސައިންސް ވެރިން ވަނީ ގިނަ ޢަދަދެއްގެ ކިޓް ވަރަށް އަވަހަށް ބާޒާރަށް ނެރޭނެ ކަމަށް ބުނެފައެވެ. މިކަމާގުޅިގެން ތަޙްލީލު ކުރާ ބައެއް ފަރާތްތަކުންވަނީ އެހާ ގިނަޢަދަދަކަށް އުފައްދާއިރު އެތީގެ ފެންވަރާއި އޭގެން ކުރެވޭ ޓެސްޓުގެ ޔަޤީން ކަމާއިމެދު ސުވާލު އުފައްދާފައެވެ.

ބަންގްލަދޭޝުން މިދިޔަ ހަފްތާގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އެޤައުމުގެ 180 މިލިއަން މީހުންގެ އެބޮޑު އާބާދީއަށް ބޭނުން ކުރުމަށް އޮތީ އެންމެ 1732 ޓެސްޓްކިޓެވެ.

ބަންގްލަދޭޝް ގައި މިހެދި ޓެސްޓްކިޓާއި ދާދި އެއްވައްތަރެއްގެ ކިޓެއް ޗައިނާގައިވެސް ވަނީ އުފައްދާފައެވެ. ޗައިނާގައި ހެދި ކިޓްތައް އޮސްޓްރޭލިޔާގެ 4 ކުންފުންޏަކުން ވެސް ވަނީ ގަނެގެން އެޤައުމުގައި ބޭނުން ކުރަން ފަށާފައެވެ.

މިއާޓެސްޓް ކިޓް އުފެއްދި ބަންގްލަދޭޝްގެ ރިސާޗް ޓީމްގެ ލީޑަރ ޑޮކްޓަރ ބިޖޯން ކުމާރު ސިލް ވިދާޅުވީ ޑޮޓް ބްލޮޓް ޓެސްޓުގެ ނަމުން ނަންދީފައިވާ މިކިޓުން ހޯދާނީ ކޮވިޑް 19 ޖެހުމުން މީހާގެ ވައިޓްބްލަޑް ސެލްގައި އުފައްދާ އެންޓި ބޮޑީސް ދެނެގަތުމުގެ މަސައްކަތް ކަމަށެވެ.

ޑޮކްޓަރ ސިލް ވަނީ 2003 ގައި ފެތުރުނު ސާސްރޯގާއަށްވެސް މިފަދަ ކިޓެއް އުފައްދާފައެވެ. ޗައިނާއިން ވަނީ ސިލް އަތުން އެ އުފެއްދުމުގެ ޕެޖެންޓް ގަނެ އެޤައުމުގައި ކިޓް ތައްޔާރު ކޮށްފައެވެ.

ކޮވިޑް 19 ގެ ޓެސްޓްކިޓް ބާޒާރުގައި މިހާރު ވިއްކަން ހުރީ 120 ޑޮލަރަށެވެ. އެންމެ 3 ޑަލަރަށް ސިލްގެ ޑޮޓް ބްލޮޓް ކިޓް ލިބެންފެށުމުން ކޮވިޑް 19 އަށް ޓެސްޓްކުރުން އާ ހަރުފަތަކަށް ދާނެ ކަމަށް ބެލެވެއެވެ.

މަސްދަރު: އަލްޖަޒީރާ