English Edition
Dhivehi Edition

ރިއޯޑިޖެނީރޯ (27 މާރޗް): ބްރެޒިލްގެ މަޝްހޫޜު މަރަކާނާ ސްޓޭޑިއަމް ވެސް ކޮވިޑް19 ގެ ބަލި މީހުންނަށް ފަރުވާދިނުމުގެ އިންތިޒާމްތައް ގާއިމްކުރެވިފައިވާ ހޮސްޕިޓަލެއްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުވާން ބްރެޒިލްގެ ސަރުކާރުން މަސައްކަތް ފަށައިފިއެވެ.

ދުނިޔޭގެ އެންމެ ޝަރަފްވެރި އެއް ފުޓްބޯޅަ ސްޓޭޑިއަމް ކަމަށްވާ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގެ މަރަކާނާ ސްޓޭޑިއަމަކީ 2014 ވަނަ އަހަރުގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅުނު ސްޓޭޑިއަމެވެ. އަދި 2016 ވަނަ އަހަރު އޮލިމްޕިކްސް ވެސް ބޭއްވީ އެ ސްޓޭޑިއަމްގައެވެ.

މަރަކާނާ ސްޓޭޑިއަމް އަކީ 1950 ވަނަ އަހަރު ބިނާކުރި ސްޓޭޑިއަމެކެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕަށް އެ ސްޓޭޑިއަމަށް ބަދަލު ގެނައުމަށް ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.

ބްރެޒިލްގައި ވެސް ކޮވިޑް19ގެ ނުރައްކާ ބޮޑުވެފައިވާއިރު އެގައުމުން އެންމެ ގިނަ އަދަދަކަށް އެ ވައިރަހަށް މީހުން ޕޮޒިޓިވް ވެފައިވަނީ ސައޮޕައުލޯ އިންނެވެ.

ފުޓްބޯޅައަށް މަރުދޭ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ބްރެޒިލްގެ ފުޓްބޯޅަ އިދާރާއިން ވަނީ ކޮވިޑް19 އާއި ގުޅިގެން ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް މެދުކަނޑާލާފައެވެ. މި ނިންމުން ފުޓްބޯޅަ އިދާރާއިން ނިންމީ ގްރެމިއޯގެ ކުޅުންތެރިން އެ ޓީމުން ކުޅެންޖެހޭ މެޗަކަށް މާސްކް އަޅައިގެން ދަނޑަށް އަރައި ކުރި ހަޅުތާލަކަށް ފަހުއެވެ.

78،000 މީހުންގެ ޖާގައިގެ މަރަކާނާ ސްޓޭޑިއަމްގެ އިތުރުން ވެސް ބްރެޒިލްގެ އެހެން ސްޓޭޑިއަމްތައް ވެސް ހޮސްޕިޓަލްތަކުގެ ގޮތުގައި ބޭނުންކުރަން ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށް އެގައުމުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ސިއްހީ ވަސީލަތްތައް އެހާ ފުރިހަމައަށް ގާއިމްވެފައި ނުވާ ބްރެޒިލްގައި މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް19 ޖެހި އޭގެ ތެރެއިން 25 މީހަކު ވަނީ މަރުވެފައެވެ.

މަސްދަރު: ސީއެންއެން