English Edition
Dhivehi Edition
މާލީގެ އިދިކޮޅު ލީޑަރު ސުމައިލީ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. އޭނާ އާއި އޭނާގެ ޓީމަށް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައި.

ބަމާކޯ (26 މާރޗް): ހުޅަނގު އެފްރިކާގެ ޤައުމެއް ކަމަށްވާ މާލީގެ އިދިކޮޅު ލީޑަރު ސުމައިލިއާ ސީސޭ ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް އޭނާ ނިސްބަތްވާ ޔޫނިއަން ފޯ ދަ ރިޕަބްލިކް އެންޑް ޑިމޮކްރެސީ (ޔޫއާރްޑީ) ޕާޓީން ބުނެފިއެވެ.

ޔޫއާރްޑީ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ ޕާޓީގެ ލީޑަރު ސުމައިލާ އާއި އޭނާގެ ޓީމުގެ ޚަބަރެއް ނުވާކަމަށް ބުނެފައެވެ. އެ ޕާޓީން އިތުރަށް ބުނެފައިވާ ގޮތުގައި ލީޑަރު ސުމައިލާ އާއި އޭނާގެ ޓީމު ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ އެގައުމުގެ އަވަށެއް ކަމުގައިވާ ނިއަފުންކޭގައި ކެމްޕެއިން ކުރަމުން ދަނިކޮށް ކަމަށެވެ.

ގެއްލިގެން ހޯދަމުންދާ އިދިކޮޅު ލީޑަރު ސުމައިލީ ވަނީ މީގެ ކުރިން ވެސް 3 ފަހަރެއްގެ މަތިން އެ ގައުމުގެ ރައީސްކަމަށް ވާދަކޮށްފައެވެ. 2012 ވަނަ އަހަރުން ފެށިގެން މާލީގެ އުތުރުގެ ހިސާބުތަކަށް އަތްގަަދަ ކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ހަމަލާތަކުގައި މާލީގެ އަސްކަރިއްޔާ އާއި އާއްމުން ހިމެނޭ ގޮތަށް އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.

މާލީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރު ކަނޑުވާލުމަށް ފްރާންސާއި އދ. ގެ ސިފައިން ހަރަކާތްތެރިވަމުން ގެންދިޔަ ނަމަވެސް މިހާތަނަށް ވެސް އެ މައްސަލައަށް ހައްލެއް ހޯދިފައެއް ނުވެއެވެ.

މާލީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މާލީގެ އިދިކޮޅު ލީޑަރާއި އޭނާގެ ޓީމު ވީނުވީއެއް ނޭނގި ގެއްލިފައިވާ ހިސާބަކީ މާލީގައި ހަރަކާތްތެރިވާ އަލްޤައިދާގެ ހަނގުރާމެވެރިން އުޅޭ ސަރަހައްދެއް ކަމަށެވެ.

ޔޫއާރްޑީގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ އެ ޕާޓީގެ ލީޑަރު ގެއްލުނު މައްސަލައަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށާއި ސަރުކާރާއި އަސްކަރިއްޔާ އަދި އދ. ގެ ސިފައިން ވެސް ހުރިހާ ހަކަތައެއް ބޭނުންކޮށްގެން ލީޑަރާއި އޭނާގެ ޓީމު ހޯދުމަށް މަސައްކަތް ކުރުމަށް އެދިފައެވެ.

މަސްދަރު: އޭއެފްޕީ ނޫސް އެޖެންސީ