English Edition
Dhivehi Edition
ފްރާންސްގެ ސިފައިންތަކެއް. އިރާގުގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގައުމަށް ގެންނަން ވަނީ ނިންމާފައި.

ކޮވިޑް-19 ކޮރޯނާ ވައިރަހާއި ދެކޮޅަށް ފްރާންސުން ކުރަމުން ގެންދާ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިރާގުގައި މިވަގުތު ތިބި އެގައުމުގެ ސިފައިން އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ފްރާންސްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިރާގުގެ ޝައްމާލް ގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގެންނަން ނިންމާފައިވާކަން ކަށަވަރުކޮށްދީފައެވެ. އިރާގުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުގެ އަމާޒުތަކަށް ހަމަލާދިނުމަށް ފްރާންސްގެ 100 އެއްހާ ސިފައިން ހަރަކާތްތެރިވާ ކަމަށް ވެއެވެ.

ބައިނަލްއަޤްވާމީ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ފްރާންސުން މިހާރު ވަނީ އިރާގުގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގައުމަށް ގެންގޮސްފައެވެ. ފްރާންސްގެ އިތުރުން ޗެކްރިޕަބްލިކުން ވެސް ވަނީ އިރާގުގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގައުމަށް ގެނެސްފައެވެ.

ފްރާންސުން އިރާގުގައި ތިބި އެ ގައުމުގެ ސިފައިން އަނބުރާ ގެންދަން ނިންމިއިރު އެގައުމުން މިހާތަނަށް 25,233 މީހުންނަށް ކޮވިޑް-19 ޖެހި އޭގެ ތެރެއިން 1,331 ވަނީ މަރުވެފައެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް-19 ވައިރަސް އެންމެ ހަލުވިކަމާއި އެކު ފެތުރެމުން ދަނީ ވެސް ޔޫރަޕްގައެވެ. އެގޮތުން އެ ވައިރަސް ޖެހިފައިވާ މީހުން އެންމެ ގިނަ އަދަދަކަށް ތިބީ ވެސް ޔޫރަޕްގައި ކަން ފާހަގަކޮށްލެވެއެވެ.