English Edition
Dhivehi Edition

ކޮރޯނާވައިރަހުން ރައްކާތެރިވާން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން އައްޑޫގެ ވިޔަފާރިތައް ރޭގަނޑު ބަންދު ކުރަން ނިންމައިފި އެވެެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިއަދު ހަވީރު 6:00 ގެ ފަހުން އައްޑޫގެ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓަތަކުން ހިދުމަތްތައް ދެވޭނީ ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށެވެ.

އިއްޔެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަނުން ޑެލިވަރީގެ ހިދުމަތް ފޯރޮކޮށް ދޭން ބޭނުންވާ ނަމަ، އަވަށު އޮފީސްތަކުން ހުއްދަ ހޯދުމަށް ފަހު، ހަވީރު 6:00 އިން ރޭގަނޑު 10:00 އަށް ޑެލިވަރީގެ ހިދުމަތް ފޯރޮކޮށްދެވިދާނެ ކަމަށެވެ.އަދި 24 ގަޑިއިރު ހިދުމަތް ދޭ ތަންތަނުން އަލަށް ކަނޑައެޅި ގަޑިތަކުގެ އިތުރަށް ހިދުމަތް ދޭން ބޭނުންވާ ނަމަ އެކަން ކުރަން ވެސް ހުއްދަ ނަގަން ޖެހޭގޮތަށް ކައުންސިލުންވަނީ ނިންމާފައެވެ.

ގާޑިޔާތަކުގެ ހިދުމަތް ދިނުމަށް ހުއްދަ ދެވޭނެ ގޮތް ހާމަކުރަމުން ކައުންސިލުން ބުނީ ގާޑިޔާތަކުގެ ހިދުމަތް ދެވޭނީ ހުއްދަ ދެވޭ ފެންވަރުގެ އަތްދޮވުމުގެ އިންތިޒާމު ހަމަޖައްސާ ތަންތަނަށް ކަމަށާއި ގާޑިޔާތަކުގައި ތައްޔާރުކޮށްގެން ވިއްކާ ހެދިކާ، މަސްކާށި، ކޮފީ ފަދަ ތަކެތި ވިއްކުން މަނާވާނެކަމަށެވެ.އަދި ގާޑިޔާތަކުގައި ދެވޭނެ ޚިދުމަތަކީ ހަމައެކަނި ގާޑިޔާތަކަށް ހުއްދަދެވިފައިވާ ތަކެތި ވިއްކުން ކަމަށާއި ގޮނޑި، ޖޯލި ފަދަ ތަކެތި ބަހައްޓައިގެން ގާޑިޔާތަކުގައި ޚިދުމަތްނުދެވޭނެކަމަށް ކައުންސިލުންވަނީ ބުނެފައެވެ. މީގެ އިތުރުން ކެފޭ، ރެސްޓޯރަންޓް އަދި ގާޑިޔާ ތަކުގައި ދުފާތަކެތި، ވިއްކަންވާނީ ވަކިން ޕެކް ކުރެވިގެންކަމަށް ކައުންސިލުން ނެރުނު އިއުލާނުގައި ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކޮވިޑް19 އިން ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު ކައުންސިލުން ބުނީ މި އުސޫލުތަކާ ހިލާފުވާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.