English Edition
Dhivehi Edition

އައްޑޫސިޓީގެ އެކި ސަރަޙައްދުތަކުގައި އައިސްފޮށި ބަހައްޓައިގެން ރޯމަސް ވިއްކުން ހުއްޓާލުމަށް އައްޑޫސިޓީ ކައުންސިލުން އަންގައިފިއެވެ.

ސިޓީކައުންސިލުން 25 މާރޗް 2020 ގައި ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ ޢާއްމު ސަރަޙައްދުތަކުގައި އައިސްފޮށި ބަހައްޓައިގެން މަސްވިއްކުމާއި ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކިގޮތަކަށް އަންގަންދެން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އަދި މިއެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައެޅިފައިވާ ފިޔަވަޅުއެޅޭނެ ކަމަށްވެސް އެއިޢުލާނުގައި ބަޔާން ކޮށްފައިވެއެވެ.

މިއީ ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާ ވައިރަސް (ކޮވިޑް19 ) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާރޗް 27 ވާ ހުކުރު ދުވަހުގެ ހެނދުނު 8 ން ފެށިގެން ކަނޑައެޅޭ ދުވަސްތަކުގައި އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ ނިންމެވި ނިންމެވުމަށްކަމަށް ކައުންސިލްގެ އިޢުލާނުގައި ފާހަގަ ކޮށްފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ ކުރެއްދޫ ރިސޯޓްގެ ފަސް މީހަކާއި ބަތަލާ ރިސޯޓްގެ ދެ މީހުންނާއި ކުރަމަތި ރިސޯޓްގެ ދެ މީހުންނާއި އައިލެންޑް ސަފާރީގެ ދެ މީހުންނާއި އަނަންތާރާ ދިގު ރިސޯޓްގެ ދެ މީހުންނެވެ. މިއެންމެންނަކީ ވެސް ފަތުރވެރިންނެވެ. މީގެ ތެރެއިން މިހާތަނަށް 8 މީހަކު ވަނީ ފަރުވާއަށް  ފަހު ބަލިން ރަނގަޅުވެފައެވެ.