English Edition
Dhivehi Edition
ރާއްޖޭގެ ރިސޯޓެއްގެ މަތިންނަގާފައިވާ މަންޒަރެއް/ފޮޓޯ އިންޓަނެޓް

ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުން އެހެން ރަށަކަށް ދެވެނީ އެރިޒޯޓަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ އެރިޒޯޓުން ފުރާ ތާރީޚުން ފެށިގެން 14 ދުވަސްފަހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނީ ރިޒޯޓުތަކާއި އަދި ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަމަށްޓަކައއެކުލަވާލެވިފައިވާ ޤާނޫނުގެ ދަށުން އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައްއަޅާފައިވާ ކަމަށެވެ. އެގޮތުން އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު، ރިޒޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުކުރުން ހުއްޓާލުމާއި، ރަށްރަށުން ރިޒޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓައިލުން ހިމެނެއެވެ. އަދި އެއް ރިޒޯޓުން އަނެއް ރިޒޯޓަށް މީހުން ދަތުރުކުރުން ވެސް ވަނީ އެޗްޕީއޭއިން މަނާކޮށްފައެވެ.

އެޗްޕީއޭގެ ބަޔާނުގައި ވާގޮތުން މިހާލަތުން  އިސްތިސްނާވާ ފަރާތްތަކެއްވެސް ވެއެވެ. .

އޭގެތެރޭގައި ރިޒޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަޒީފާ އަދާކުރުމަށް ރިޒޯޓަށް ދިއުމާއި، ފަތުރުވެރިން ދިވެހިރާއްޖެއިން ފުރުމަށްޓަކައި އެއަރޕޯޓަށް ދިއުމާއި އަދި ފަތުރުވެރިން ފުރުވަން ދާންޖެހޭ މުވައްޒަފުން އެއަރޕޯޓަށްދިއުން ހިމެނެއެވެ.  އެހެންނަމަވެސް  މިފަދަ މުވައްޒަފުން އެނބުރި އަންނަންޖެހޭނީ ރިޒޯޓަށް ކަމަށާއި، އެފަދަ ފަރާތްތައް ދަތުރުކުރަމުންދާ ގޮތުގެ މަޢުލޫމާތު ރިޒޯޓުތަކުން ބަލަހައްޓަންޖެހޭ ކަމަށް އެޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭގެ އިޢުލާންގައިވާ ގޮތުން ރިޒޯޓުތަކަށް މުދާ އުފުލާ އުޅަނދުފަހަރުގައި މަސައްކަތްކުރާ ފަރާތްތަކުން ރިޒޯޓުތަކަށް މުދާ ފޯރުކޮށްދިނުމަށް ޖެޓީއާހިސާބަށް ދެވޭނެއެވެ.، މިފަދަ ފަރާތްތައް ރިޒޯޓަށް އެތެރެވެފައިވާނަމަ، އެ ފަރާތްތަކަށް ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނޯންނާނެއެވެ. އަދި ރިޒޯޓުތަކުގައި މަސައްކަތް ކުރަމުން ގެންދާ މުވައްޒަފުން އެހެން ރަށަކަށް ދާން ބޭނުންވާނަމަ، އެ ރިޒޯޓަށްޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ތެރެއިން އެންމެ ފަހު ފަތުރުވެރިޔާ އެ ރިޒޯޓުން ފުރާ ތާރީޚުން ފެށިގެން 14(ސާދަ) ދުވަސް ވެފައިވުން ހިމެނެއެވެ.

މި ހާލަތުގައި ރިޒޯޓުން އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚު، ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށް ވަގުތުން އަންގަންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށާއި، މިއެންގުންތަކާ އެއްގޮތަށް އަމަލުކުރުމަށް އެދޭ ކަމަށެވެ.