English Edition
Dhivehi Edition
އައިއެސް ޖަމާއަތުން ހަމަލާދިން ފައްޅި ކައިރީގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަނީ.

ކާބުލްގައި ހުންނަ ސިކުންގެ ފައްޅިއަކަށް ބަޑި ހިފައިގެން ތިބި ބަޔަކު ވަދެ ދިން ނިރުބަވެރި ހަމަލާއެއްގައި 25 މީހަކު މަރާލައިފިއެވެ. މި ހަމަލާތައް ދިނުމުގައި ބައިވެރިވި ހުރިހާ ނިރުބަވެރިން އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި މަރާލެވިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

މި ހަމަލާތައް ދިނުމުން އެންމެ ފުރަތަމަ އަފްޣާން ސަރުކާރުގެ އޮފިޝަލުން ބުނެފައިވަނީ ހަމަލާދިނީ ތާލިބާނުން ކަމަށެވެ. ތާލިބާނުން އެ ތުހުމަތުތައް ދޮގުކޮށްފައި ވަނިކޮށް އޭގެ ފަހުން ހަމަލާތަކުގެ ޒިންމާ ހައްދުފަހަނަޅާފައިވާ އައިއެސް ޖަމާއަތުން ވަނީ އުފުލާފައެވެ.

ފައްޅިއަށް ހަމަލާދިން މަންޒަރު ފެނުނު ރާޖޫ ސިންހް އާއި ހަވާލާދީ އޭއެފްޕީ ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި `ބަޑިން ހަމަލާދިން މީހާ ފައްޅިއަށް ވަދެފައި ވަނީ ފުލުހުންގެ ޔުނިފޯމުގައެވެ. އަދި ފައްޅިއަށް ވަނުމަށްފަހު އޭނާ އެންމެ ފުރަތަމަ ވެސް ހަމަލާދިނީ އެތަނުގެ ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާއަށް ކަމަށާއި އެއަށްފަހު އެތަނުގައި އަޅުކަން ކުރަމުން ދިޔަ މީހުންނަށް ހަމަލާދޭން ފެށީކަމަށް ރާޖޫ ވަނީ ބުނެފައެވެ.

ރާޖޫ ބުނެފައިވާ ގޮތުގައި ބަޑި ހިފައިގެން ހަމަލާދޭން ފުރަތަމަ ފެށި މީހާގެ އިތުރުން އެހެން ބަޔަކު ވެސް ފައްޅިއަށް ވަދެ މީހުންނަށް ހަމަލާދިނެވެ. އަފްޣާނިސްތާނުގެ އިންޓީރިއާ މިނިސްޓަރު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި ނިރުބަވެރި މި ހަމަލާދިން އެންމެން ވަނީ މަރާލެވިފައެވެ.

އަފްޣާނިސްތާނުގައި ދިރިއުޅޭ ސިކުންގެ އާބާދީ ކުޑަވުމުން އެމީހުންނަށް ހަމަލާދިނުމާއި ގޯނާ ކުރުމަކީ އެ ގައުމުގައި ވަރަށް އާއްމު ކަމެކެވެ. އެގޮތުން 2018 ވަނަ އަަހަރުވެސް އައިއެސް ޖަމާއަތުން ދިން ހަމަލާތަކެއްގައި ސިކުންގެ އެތައް ބަޔަކު ވަނީ މަރުވެފައެވެ. އަދި އަފްޣާނިސްތާނުގައި ތާލިބާނުން ވެރިކަން ކުރި އިރު ސިކުންނަށް ރީނދޫ ކުލައިގެ ބޭންޑްތައް އަތުގައި އެޅުމަށް ވެސް އެންގިއެވެ.