English Edition
Dhivehi Edition

އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު ދެވަނައިގެ ދަރިކަލުން، އަދި އެގައުމުގެ ވަލީއަހުދު ޕްރިންސް ޗާލްސް ކޮރޯނާވައިރަހަށް ޕޮޒިޓިވް ވެއްޖެއެވެ.

އުމުރުފުޅުން 71 އަހަރުގެ ޗާލްސް ފަރާތުން ކޮވިޑް-19 ގެ އަލާމަތްތައް ފެނުނު ނަމަވެސް ހުންނެވީ ފުރިހަމަ ސިއްހަތެއްގައި ކަމަށް ކްލަރެންސް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި ޗާލްސްގެ އަނބިކަނބަލުން ކެމިލާ ޕާކަރ ބޯލްސްވެސް މިހާރު ވައިރަހަށް ޓެސްޓުކޮށްފައިވާ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ނެގެޓިވްކަމަށް ގަނޑުވަރުގެ ތަރުޖަމާނަކު ވިދާޅުވިކަމަށް ރިޕޯޓްތަކުން ބުނެއެވެ.

ޗާލްސްގެ ޓެސްޓް ހަދާފައި ވަނީ ނޭޝަނަލް ހެލްތު ސާވިސް އިންނެވެ.

މީގެ އިތުރުން ކްލޭރެންސް ހައުސްއިން ބުނީ ޗާލްސް އާއި އަނބިކަނބަލުން ކެމިލާ މިހާރު ތިއްބެވީ ސްކޮޓްލޭންޑުގައި ހުންނަ ބަލްމޯރަލް ގަނޑުވަރުގައި އަމިއްލައަށް އެކަހެރިވެގެން ކަމަށެވެ. އަދި ޗާލްސްއަށް ވައިރަސް ޖެހުނު ގޮތެއް އަދި ޔަގީންކުރަން ނޭނގޭކަމަށް ބުނެއެވެ.

އިނގިރޭސި ވިލާތުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 8،077 އަށް އަރައިފަ އެވެ. އެ ގައުމުން ވަނީ 422 މީހުން މަރުވެފަ އެވެ.