English Edition
Dhivehi Edition
އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ މަންޒަރެއް - ފޮޓޯ: ޢާއިޝަތު ނަޖް

ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީ ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މުޅި ދުނިޔެއަށް މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 27 މާރިޗު ވާ ހުކުރު ދުވަހު ހެނދުނު 08:00 އިން ފެށިގެން ކަނޑައެޅޭ ދުވަސްތަކުގައި އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓް ކުރުމުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އައްޑޫ ސިޓީ ކައުންސިލުން ވަނީ ޢާންމު ސަރަޙައްދުތަކުގައި އައިސް ފޮށި ބަހައްޓައިގެން މަސްވިއްކުމާ، ހުއްދަ ނެތި ކާބޯތަކެތި ވިއްކުން ވަކި ގޮތަކަށް އަންގަންދެން ހުއްޓާލުމަށް އަންގައިފަ އެވެ.

އައްޑޫގެ އަވަށްތައް ޑިސްއިންފެކްޓްކުރުމަށް ނިންމާފައިވާއިރު، މާލެ އާއި ހުޅުމާލޭގެ މަގުތައްވެސް ޑިސްއިންފެކްޓްކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީވެސް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޗައިނާގެ ވުހާން އިން އެންމެ ފުރަތަމަ ފެނުނު ކޮވިޑް-19 އަށް ރާއްޖެއިންވެސް މިހާތަނަށް 13 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން ފަސް މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން އަންނަނީ ބަލި ފެތުރިޔަ ނުދިނުމަށާއި ޚަރަދުތައް ކުޑަކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާއި ހަމައަށް ސަރުކާރު ބަންދުކޮށްފައިވާއިރު، ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރަން ވެސް ކެބިނެޓުން ވަނީ ނިންމާފައެވެ.