English Edition
Dhivehi Edition

އިންޑިޔާގެ ސަރަހައްދުތަކުގައި 21 ދުވަހުގެ މުއްދަތަށް އިއުލާންކޮށްފައިވާ ފުރަބަންދަށް އަމަލު ނުކުރާ ފަރާތްތަކުގެ ގަޔަަށް ބަޑިޖަހަން ޖެހިދާނެ ކަމަށް ތެލަންގާނާ ސްޓޭޓްގެ ޗީޕް މިނިސްޓަރ ޗާންދްރަސެކަރް ރާއޯ ވިދާޅުވެއްޖެއެވެ.

ރާއޯ މިފަދަ ހަރުކަށި އިންޒާރެއް ދެއްވާފައި ވާއިރު އިންޑިޔާގެ ބައެއް ހިސާބުތަކުގައި ކޮވިޑަށް ޕޮޒިޓިވްވި މީހުން ހޮސްޕިޓަލްތަކުން ފިލި މައްސަލަތައް ވެސް މީގެ ކުރިން ވަނީ ފެންމަތިވެފައެވެ. އެފަދަ ބައެއް މީހުންގެ ސަބަބުން ކޮވިޑް19 އިތުރަށް ފެތުރުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ތެލަންގާނާ ސްޓޭޓްގައި މިހާރު ހަވީރު 6 އިން ފެށިގެން ހެނދުނު 7 އާއި ހަމައަށް ބޭރަށް ނިކުމެ އުޅުމަކީ މަނާ ކަމެކެވެ. އެ ސްޓޭޓުން މިހާތަނަށް 36 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައި ވާއިރު 19 ހާހެއްހާ މީހުން ތިބީ ކަރަންޓީން ކޮށްފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރާއޯ ވަނީ ސްޓޭޓްގެ ހުރިހާ ވަޒީރުންނާއި ހައިދަރުއާބާދުގައި ތިބި ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް މަގުތަކަށް ނިކުމެ ފުރަބަންދު ތަންފީޒު ކުރުމަށް ފުލުހުން ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި އެއްވެސް ހާލެއްގައި 24 ގަޑިއިރު ކާފިއު އިއުލާންކޮށް އަސްކަރިއްޔާ މަގުތަކަށް ނެރެންޖެހޭނެ ހާލަތެއް އަޔަ ނުދިނުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ރާއޯ ވަނީ ވިދާޅުވެފައެވެ.

“އެމެރިކާގައި ފުރަބަންދު ތަންފީޒުކުރުމަށް އަސްކަރިއްޔާ ނެރެން ޖެހުނު. (އިންޑިޔާގެ) ރައްޔިތުން ކޮރޯނާ ވައިރަހާއި ގުޅިގެން ކޮށްފައިވާ ފުރަބަންދަށް އަމަލުނުކުރަންޏާ 24 ގަޑިއިރު ކާފިއު އިއުލާންކޮށް މަގުމައްޗަށް ނިކުންނަ މީހުންގެ ގަޔަށް ބަޑިޖަހަން ޖެހޭ ހާލަތެއް އަތުވެދާނެ. އަހަރެން ރައްޔިތުންނަށް ގޮވާލަން އެފަދަ ހާލަތަކަށް ނުގެންދިއުމަށް” ޗީފް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ރާއޯ ވަނީ ބޮޑުއަގުގައި މުދާ ވިއްކާ ފަރާތްތަކާއި މެދު ފިޔަަޅު އަޅުއްވާނެ ކަމުގެ އިންޒާރު ވެސް ދެއްވާފައެވެ. އަދި ހޯމް ކަރަންޓީނުގައި ބައިތިއްބާފައި ތިބޭ މީހުންގެ ޕާސްޕޯޓް އަތުލުމަށާއި އެމީހުން ގެއިން ބޭރަށް ހިނގައްޖެ ނަމަ ޕާސްޕޯޓްތައް ކެންސަލް ކުރަން ވެސް ރާއޯ ވަނީ އިރުޝާދު ދެއްވާފައެވެ.