English Edition
Dhivehi Edition

ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒްކުރަމުން އަންނަ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ބަންގްލަދޭޝް ނެޝަނަލް ޕާޓީ( ބީއެންޕީ)ގެ ލީޑަރު ޚާލިދާ ޒިޔާ ގެއަށް ބަދަލުކޮށް ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

އަންގާރަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ އަނީސުލް ހައްޤު ވިދާޅުވީ ޚާލިދާ ޒިޔާގެ ބަލި ހާލަތު ހުރި ގޮތުންނާއެކު އާއިލާގެ އެދުމަށް އޭނާ ގެއަށް ބަދަލުކުރުމަށް މިހާރުގެ ބޮޑު ވަޒީރު ޝެއިހް ހަސީނާ ނިންމާފައިވާކަމަށެވެ. ” ޚާލިދާ ޒިޔާއަށް ބޭނުންވާ ހުރިހާ ފަރުވާއެއް އޭނާގެ ގޭގައި ލިބޭ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި. އެހެންނަމަވެސް ގައުމުން ފުރައިގެން ދިއުމުގެ ހުއްދައެއް އޭނާއަކަށް ނުލިބޭނެ” މިނިސްޓަރ އަނީސުލް ހައްޤު ވިދާޅުވިއެވެ.

ޚާލިދާ ޒިޔާ ޖަލުން ގެއަށް ބަދަލުކުރާނެ ވަކި ތާރީހެއް އަދި ސަރުކާރުން އިއުލާންކޮށްފައިނުވާއިރު ސަރުކާރުގެ މި ނިންމުމަށް އޭނާގެ އާއިލާއިންވަނީ ޝުކުރު އަދާކޮށްފައެވެ.މީގެ ކުރިންވެސް ޚާލިދާ ޒިޔާ ގެ ބަލި ހާލަތު ހުރި ގޮތުން އޭނާ ޖަލުން ސަލާމަތްކުރުމަށް ބީއެންޕީ އިންވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު އެ ޕާޓީން ބުނީ ޚާލިދާ ޒިޔާ ވަރަށް ބަލިކަމަށާއި އޭނާއަށް ފުއްޕާމޭގެ މައްސަލަތަކާއި އާތްރައިޓިސްގެ މައްސަލަތައް ދިމާވަމުން އަންނަކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ 02 ދައުރު ފުރިހަމަކުރައްވާފައިވާ އުމުރުން 74 އަހަރުގެ ޚާލިދާ ޒިޔާ އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައިވާ ކޯޓަކުން ފަސް އަހަރަށް ޖަލަށްލާން ހުކުމްކުރީ ޒިއާ އޯފަނޭޖް ޓްރަސްޓްގެ ނަމުގައި އެކަމަނާ ހިންގަވާ ޔަތީމްހާނާ ތަކަކަށް ބައިނަލް އަގުވާމީ ފަރާތްތަކުން ދިން ފައިސާ އަމިއްލަފުޅު ކަންކަމަށް ބޭނުން ކުރި ކަމަށް ބުނެ ސަރުކާރުން ކުރިން ދައުވާ އެއް ސާބިތުވުމާއި ގުޅިގެންންނެވެ.