އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ގޯރަހްޕޫރަށް އުފަންވި އަންހެން ކުއްޖަކަށް ކޮރޯނާގެ ނަމުން ނަން ދީފިއެވެ. އެކުއްޖާއަށް ނަން ދީފައިވަނީ އޭނާގެ ބޮޑުބޭބެ، ނިތޭޝް ތުރިޕަތީ ކަމަށް އިންޑިއާގެ ނޫސްތައް ބުނެއެވެ.
އިންޑިއާގެ މީޑިއާތަކަށް މައުލޫމާތު ދެމުން ނިތޭޝް ބުނެފައިވަނީ ކޮރޯނާގެ ނަމުން ތުއްތު ކުއްޖާއަށް ނަންދިނުމުގެ ދިނީ އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގައިކަމަށެވެ.
ކޮވިޑް-19 ފަތުރާ ކޮރޯނާވައިރަސް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އާދީއްތަ ދުވަހުވަނީ މުޅި އިންޑިއާގައި ކާފިއު އިއުލާންކޮށްފައެވެ. ނިތޭޝް ބުނެފައިވަނީ ކޮރޯނާވައިރަހާ ގުޅިގެން ސަރުކާރުން އިއުލާންކުރި ކާފިއުއަކީ ރައްޔިތުންގެ ތެރޭގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުވަން މަގުފަހިވި ކަމެއްކަމަށެވެ.
“މި ވައިރަހަކީ ނުރަައްކާތެރިއެއްޗެއް އަދި ދުނިޔެއިން އެތަކެއް މީހުން ވައިރަހުގެ ސަބަބުން މަރުވަމުން އެދަނީ. އެކަމަކު މީގެ ސަބަބުން ރަނގަޅު ގިނަ އާދަތަކެއް ވެސް އަންނަނީ ދަސްވަމުން އަދި މީގެ ސަބަބުން ދުނިޔޭގެ ސަބަބުން ދުނިޔޭގެ އެއްގައުމު އަނެއްގައުމާ އޮންނަ ގުޅުން ބަދަހިވަމުން މިދަނީ. ތުއްތު ދަރިފުޅަށް ނަން ކޮރޯނާގެ ނަން ދިނީ މި ބިރުވެރިކަމާ ދެކޮޅަށް އެންމެން ގުޅިގެން ކުރާ މަސައްކަތް ރަމްޒުކޮށްދިނުމުގެ ގޮތުން” ބޮޑު ބޭބެ ބުނެފައިވެއެވެ.
އޭނާ ބުނީ ކުއްޖާ އަށް އެ ނަން ދިނީ ކުއްޖާގެ މަންމަ އާއި ބައްޕަ އަދި އާއިލާގެ އެންމެންނާ މަޝްވަރާކުރުމަށް ފަހު އެންމެންގެ ރުހުމާ ވެސް އެކީގައި ކަމަށެވެ.