English Edition
Dhivehi Edition

ނުރައްކާތެރި ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސްގެ ކަންތައް ޗައިނާގައި މަޑުޖެހެމުން ދަނިކޮށް ހަންޓާވައިރަސްގައި ޗައިނާއިން މީހަކު މަރުވެއްޖެކަމަށް ޗައިނާގެ ނޫސްތަކު ރިޕޯޓް ކޮށްފިއެވެ.

ޗައިނާ ސަރުކާރަށް ނިސްބަތްވާ ދަ ގްލޯބަލް ޓައިމްސްއިން ބުނެފައިވަނީ، ހަންޓާވައިރަސްގައި މީހަކު މަރުވެފައިވަނީ ޗައިނާގެ ދެކުނުހުޅަނގު ޔޫނާން ޕްރޮވިންސުން ކަމަށެވެ.

ހަންޓާވައިރަހަކީ ރޯޑަންޓްސް ނުވަތަ ހިކަނދި/މީދާ ޒާތުގެ ޖަނަވާރުތަކުން އިންސާނުންގެ ގަޔަށް ވާރުތަކުރާ، އަދި އެ ވައިރަސް ޖެހުމުން އެ ޖެހޭ މީހަކު އިންފެކްޓްވާ ނުރައްކާތެރި ވައިރަހެކެވެ. މި ވައިރަސް ފެނުނު ކަމަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ 1993 ވަނަ އަހަރު އެމެރިކާއިންނެވެ. ހަންޓާވައިރަސްއަކީ ގައިންގަޔަށް އަރާ ވައިރަސްއެއްކަން އަދި މުޅިން ކަށަވަރުކުރެވިފައި ނުވި ނަމަވެސް، 1996 ވަނަ އާޖެންޓީނާގައި ހަންޓާވައިރަސް، އެއް އިންސާނެއްގެ ގައިން އަނެއް އިންސާނެއްގެ ގަޔަށް އަރާފައިވާކަމަށް ބެލެވޭކަމަށް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ބުނެފައި ވެއެވެ.

ޔޫނާން ޕްރޮވިންސްއަށް ނިސްބަތްވާ ފިރިހެންމީހާ މަރުވެފައިވަނީ، ޝެންޑޮންގް ޕްރޮވިންސަށް މަސައްކަތަށް އެނބުރި ދަނިކޮށް އޭނާ ދަތުރުކުރި ބަހުގެ ތެރޭގައި ކަމަށް ގްލޯބަލް ޓައިމްސްއިން ބުނެފައި ވެއެވެ.

މިކަމާހެދި، ޗައިނާ މީހާއާއެކު ބަހުގައި ދަތުރުކުރި 32 މީހުން މިހާރު ވައިރަހަށް ޓެސްޓްކޮށްފައިވާ ކަމަށް ގްލޯބަލް ޓައިމްސްއިން ބުނެފައިވެއެވެ. ނަމަވެސް، އެމީހުންގެ ޓެސްޓްތަކުގެ ނަތީޖާ ނޫހުން ހާމަކޮށްފައެއް ނުވެއެވެ.

ޗައިނާއިން ހަންޓާވައިރަސް ފެނި، އެ ވައިރަހުގެ އަސަރުކުރި މީހެއްގެ ފުރާނަ ގެއްލިފައިވާ މި ދަނޑިވަޅަކީ، މިދިޔަ އަހަރުގެ ފަހުކޮޅު ޗައިނާއިން ފުރަތަމަ ފަހަރަށް ފެނުނު ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބިރުވެރިކަމުގައި މުޅި ދުނިޔެ ޖެހިފައިވާ ދަނޑިވަޅެކެވެ.

ކޮވިޑް-19 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 17،000 އަށްވުރެ ގިނަމީހުން މަރުވެފައިވާއިރު، މިވައިރަސް ދުނިޔޭގެ 177 ގައުމުން ފެނިފައި ވެއެވެ.