English Edition
Dhivehi Edition

ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަހަށް އިއްޔެ އެމެރިކާގައި ޕޮޒިޓިވް ވި މީހުންގެ އަދަދު 9861 އަށް އަރައިފިއެވެ. މި އަދަދާއެކު އެޤައުމުގައި ކޮވިޑް 19 ޖެހިފައިވާ މީހުންގެ ޢަދަދަކީ 53595 އެވެ. އިއްޔެ ބަލީގައި އެޤައުމުން މަރުވެފައިވަނީ 143 މީހުންނެވެ.  މިބަލީގައި އެމެރިކާއިން މަރުވި މީހުންގެ ޢަދަދު 696 އަށް އަރައެވެ.

ނިއުޔޯކްސިޓީގެ ގަވަރނަރ ކޫމޯ ވިދާޅުވީ ކޮވިޑް 19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމަށް 7000 ވެންޓިލޭޓަރ ގާއިމް ކުރެވިފައި އެބަހުރި ކަމަށާއި އެހެންނަމަވެސް އަދި މަދުވެގެން 30000 ވެންޓިލޭޓަރ ބަހައްޓަން ޖޭހޭނެ ކަމަށެވެ.

ކޮވިޑް 19 ގެ ތަފާސް ހިސާބުތައް ދައްކާގޮތުން 81171 މީހުންނަށް ވައިރަހުގެ އަސަރުކޮށް މިބަލި އެންމެ ގިނަ ބަޔަކަށް ޖެހުނު ޤައުމުގެ ގޮތުގައި އަދިވެސް އޮތީ ޗައިނާއެވެ. އެހެން ނަމަވެސް އެޤައުމުގެ ހުބޭ ޕްރޮވިންސުން  އިތުރު އެއްވެސް މީހަކު އަލަށް މި ބައްޔަށް ޕޮޒިޓިވް ނުވާތާ 6 ދުވަސް ވެފައިވެއެވެ. އެޤައުމުގެ މިހާރުގެ ޙާލަތަށް ބަލާއިރު މިހާރު ފަރުވާ ދެމުން އަންނަނީ 4735 މީހުންނަށެވެ. އޭގެ ތެރެއިން 1573 މީހަކު ވަނީ ސީރިއަސް ޙާލަތުގައެވެ.

ދުނިޔޭގެ ނިސްބަތުން 2 ވަނައަށް އެންމެ ހަލުވިކޮށް ކޮވިޑް 19 ފެތުރެމުންދާ އިޓަލީގައި އިއްޔެ އެކަނި 5249 މީހުން ޕޮޒިޓިވް ވެފައިވެއެވެ. އެޤައުމުގައި އިއްޔެ މަރުވެފައިވަނީ 743 މީހުންނެވެ. މިޢަދަދާއެކު އެޤައުމުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދަކީ 6820 އެވެ.

 

ކޮވިޑް 19 ފެތުރެމުންދާ ޤައުމު ތަކުގެ ތެރެއިން 4 ވަނާގައި މިއަދުއޮތީ ސްޕެއިން އެވެ. އެޤައުމުގައި 680 މީހަކު އިއްޔެ މަރުވެފައިވާއިރު އަލަށް ބައްޔަށް ޕޮޒިޓިވް ވި މީހުންގެ ޢަދަދަކީ 6922 އެވެ. އެޤައުމުގައި މިބަލި ޖެހިފައިވާ 42058 މީހުން އެބަތިއްބެވެ.

ލިސްޓުގެ 5 ވަނައިގައިއޮތީ 32991 ބަލި މީހުންނާއެކު ޖަރުމަން ވިލާތެވެ.

ފުރަތަމަކޮޅު ތަފާތު ބޮޑު ނަތީޖާއެއް ފެނިގެން ދިޔަ އީރާނުން އިއްޔެ ފެނުނީ 1762 އާކޭހެވެ. އީރާނުގައި އިއްޔެ މަރުވި މީހުންގެ ޢަދަދަކީ 122 އެވެ. މިހާތަނަށް އީރާނުގައި މަރުވި މީހުންގެ ޖުމްލަ ޢަދަދަކީ 1934 އެވެ.

ލިސްޓުގައި ދެން ފާހަގަ ކޮށްލެވެނީ 240 އާ މަރާއި އެކު ފްރާންސެވެ. އިއްޔެ ފްރާންސްގައި އަލަށް ބަލި ޖެހުނު މީހުންގެ ޢަދަދަކީ 2448 އެވެ.

 

މިދެންނެވުނު ޤައުމުތަކަކީ 20000 އިން މަތީގައި ބަލިމީހުންގެ ޢަދަދު އޮތް ޤައުމު ތަކެވެ.

 

ސްވިޒަލޭންޑް،ސައުތުކޮރެޔާ، ޔޫކޭ،ނެދަލޭންޑް،އޮސްޓްރިއާ،ބެލްޖިއަމް،ނޯވޭ،ކެނެޑާ،ޕޯޗުގަލް،އޮސްޓްރޭލިޔާ،ސްވިޑްން،އަދި ބްރެޒިލް އަކީ 2000އަށް ވުރެން މަތިން ކޮވިޑް 19ގެ ބަލި މީހުން ތިބި ޤައުމުތަކެވެ.

މީގެ ތެރެއިން އިނގިރޭސިވިލާތުގައި އިއްޔެވަނީ 1427 މީހުންނަށް އަލަށް ކޮވިޑް 19 ޖެހި 98 މީހަކު ބަލީގައި މަރުވެފައެވެ. މިއީ މިހާތަނަށް އެޤައުމުގައި މިބަލީގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވި ދުވަސްވެސްމެއެވެ.